ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ "އަހަރުގެ ޒުވާން ކުޅުންތެރިޔާ" (ފިރިހެން) ކެޓަގަރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވުމާ ގުޅިގެން ފަތުރާ ވާހަކަތަކާއި ގުޅިގެން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ސުވާލު އުފައްދަވައިފިއެވެ.

އާރިފް ވަނީ އުމައިރުގެ އިތުރުން ވެސް ސިޔާސީ އެހެން ބޭފުޅުންގެ ދަރިން އެވޯޑަށް ނޮމިނޭޓްވެފައިވާކަން ފާހަގަކުރައްވައި، އުމައިރު ނޮމިނޭޓްވުން ކުށަކަށްވީ ވަކި ބޭފުޅެއްގެ ކުއްޖަކަށްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

Ad
rt

އާރިފް ވިދާޅުވީ އުމައިރުގެ އިތުރުން އެ ކެޓަގަރީގައި ނޮމިނޭޓްވި އަނެއް ހަތަރު ކުދިންގެ ތެރޭގައި ވެސް ސިޔާސީ ބޭފުޅުންގެ ކުދިން އެބަތިބި ކަމަށާއި، އެއީ އުމައިރު ފަދައިން އެ ކުދިންނަކީ ވެސް ހުނަރުވެރި ކުދިންނަށް ވުމުން ކަމަށެވެ.

"އެ ކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިނިވަން ނޫސްވެރިކަމެއް ވެސް ނޫން އަދި ސިޔާސީ މިނިވަންކަމެއް ވެސް ނޫން. އެއީ ފާޅުގައި އެ ކުދިންގެ ހައްގުތަކަށް އަރައިގަތުން،" އާރިފް ވިދާޅުވިއެވެ.

ޖުމްލަ ފަސް ކުޅުންތެރިން ނޮމިނޭޓްވި މި ކެޓަގަރީއަށް އުމައިރު ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުންނެވެ. އުމައިރުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްގެ ދަރިކަލުން ޒީކް ހަސަން ލަތީފްގެ އިތުރުން، ސިޔާސީ ދާއިރާގައި ނަންކިޔާ ސިއްކަ އާއިލާގެ ކުއްޖަކު ވެސް މި ލިސްޓުގައި ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވެސް ވަނީ އުމައިރު ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި، އެއީ އޭނާ ކުޑައިރުން ފެށިގެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވެފައެވެ.

އުމައިރުގެ ކާމިޔާބީތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ 62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަނުން އޭނާ ވަނީ ގިނަ މެޑަލްތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި 15 އަހަރުން ދަށުގެ ސިންގަލްސް އާއި 17 އަހަރުން ދަށުގެ ޑަބަލްސް އިން ރަން މެޑަލް ހޯދުން ހިމެނެއެވެ. މީގެ އިތުރުން 30 ވަނަ ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވެސް އޭނާ ވަނީ 15 އަހަރާއި 17 އަހަރުން ދަށުގެ އެކި ކެޓަގަރީތަކުން ފަސް ރަން މެޑަލް ހާސިލްކޮށްފައެވެ. މީގެ އިތުރުން ވެސް އުމައިރު ވަނީ އިންޓަރސްކޫލް ޓޭބަލް ޓެނިސް މުބާރަތްތަކުގައި ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދައިފައެވެ.