ރާއްޖޭގެ ސަރަހައްދަށް ދުންފުނީގެ އަސަރުކޮށް، ދުރު ފެންނަ މިންވަރު ދަށްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަތިންދާ ބޯޓު ދަތުރުކުރާ އުސޫލަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބަދަލު ގެނެސްފިއެވެ. މި ބަދަލަކީ ވައިގެ ނިއަމިކަމުގެ އުސޫލުތަކުގެ ދަށުން، ދުރު ފެންނަ މިންވަރު ދަށްވާ ހާލަތްތަކުގައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ.
މި ހާލަތާ ގުޅިގެން އެމްއޭސީއެލް އިން ވަނީ އާންމުކޮށް އަމަލުކުރާ 'ވިޝުއަލް ފްލައިޓް ރޫލްސް' (VFR) ވަގުތީ ގޮތުން މަޑުޖައްސާލައި، 'ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް' (SVFR) އަށް އަމަލުކުރަން އަންގާފައެވެ. މި ޚާއްޞަ އުސޫލަށް އަމަލުކުރަން ފަށަނީ ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައެވެ.
އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި، އެސްވީއެފްއާރު ބޭނުންކޮށްގެން ދަތުރުކުރުމަކީ ބައިނަލްއަގުވާމީ ގަވާއިދުތަކާ އެއްގޮތަށް، ދުރު ފެންނަ މިންވަރު ދަށްވާ ހާލަތްތަކުގައި މީގެ ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ. ކުންފުނިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ވޭތުވެދިޔަ ބުދަ ދުވަހު ރާއްޖޭގެ ވައި ވަރަށް ބޮޑަށް ނުސާފުވެ، ބައެއް ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރަށް ދަށަށް ދިޔައެވެ. މިއީ އާންމު ހާލަތާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ. ނަމަވެސް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް އާދީއްތަ ދުވަހުން ފެށިގެން ވައިގެ ހާލަތު ރަނގަޅުވާން ފަށާނެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވާ ވަގުތުތަކުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ހާލަތުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެދާނެތީ، ހާއްސަކޮށް ސިއްހީ ގޮތުން ނާޒުކު މީހުން ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!