ހއ. ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތްތައް މާދަމާ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުން ބުނެފިއެވެ.
ބްލޫސްޕޭން ކެއަރ އަކީ ބްލޫ ސްޕޭން ޕްރައިވެޓް ލިމިޓެޑުން ހިންގާ، ރާއްޖޭގައި ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ޚިދުމަތްތަކަށް ޚާއްސަ މަރުކަޒެކެވެ.
ދިއްދޫ ގޮފިން ލިބޭނެ ޚިދުމަތްތަކާއި އަގުތައް
ދިއްދޫގައި އަލަށް ފަށާ މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ކައުންސިލިން އެވެ. މީގެ ކޮންމެ ޚިދުމަތެއްގެ 45 މިނެޓުގެ ސެޝަނަކަށް ނަގާނީ 300 ރުފިޔާއެވެ. މީގެ އިތުރުން ސްޕެޝަލް އެޑިޔުކޭޝަންގެ 45 މިނެޓުގެ ސެޝަނެއް 225 ރުފިޔާއަށް ލިބޭނެ ކަމަށާއި، ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުމަށް 3000 ރުފިޔާ ނަގާނެ ކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.
ބްލޫސްޕޭން ކެއަރގެ މައިގަނޑު ޚިދުމަތްތައް
މިނިސްޓްރީ އޮފް ހެލްތުގައި "ތެރަޕިއުޓިކް ސަރވިސް ކްލިނިކް" އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މި މަރުކަޒުން ފުޅާ ދާއިރާއެއްގައި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި މަސްތަކާއި ކަށީގެ މައްސަލަތަކަށް ދޭ ފިޒިއޮތެރަޕީ އާއި، ކުޅިވަރުގެ އަނިޔާތަކަށް ދޭ ޚާއްސަ ފަރުވާ އަދި ހިނގާބިނގާވެ އުޅުމަށް ދަތިވާ ފަރާތްތަކަށް ގޭގެއަށް ޒިޔާރަތްކޮށްގެން ދޭ ޚިދުމަތްތައް ހިމެނެއެވެ.
މަރުކަޒުތައް ހުރި ތަންތަން
ބްލޫސްޕޭން ކެއަރގެ މައި މަރުކަޒު މާލޭގައި ހުންނައިރު، އުތުރުގެ ސަރަހައްދުތަކަށް ޚިދުމަތް ދިނުމަށްޓަކައި ދިއްދޫގައި މިވަނީ ގޮފިއެއް ގާއިމުކޮށްފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަލިމީހުންނަށް ޚިދުމަތް ދިނުމަށްޓަކައި އެކި ސަރަހައްދުތަކުގައި އެނެކްސް މަރުކަޒުތައް ވެސް އެ ކްލިނިކުން ހިންގަމުންދެއެވެ.
މި ސެންޓަރުގެ މައިގަނޑު ފަލްސަފާއަކީ "ފޯ ޔޯ ކޮލިޓީ އޮފް ލައިފް" އެވެ. އެގޮތުން ކޮންމެ ބަލިމީހަކަށް ވަކިވަކިން އަޅާލުން ދިނުމަށާއި، ބަލިޖެހެން މެދުވެރިވާ އަސްލު ސަބަބުތައް ދެނެގަނެ މުޅި ހަށިގަނޑަށް ފުރިހަމަ ފަރުވާ ދިނުމަށް އެ ސެންޓަރުން އިސްކަންދެއެވެ.
ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތްތައް ކުރިއަށް ގެންދަނީ ދިއްދޫ ދި-ފައުންޑޭޝަން އާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!