ފުލުހުންގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ދުވެލި ރަނގަޅުކޮށް، އެފިޝަންޓްކުރުމަށްޓަކައި، ފުލުހުންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަށުން، އައު ޕްރޮޑަކްޓްތަކަކާއި ޚިދުމަތްތަކެއް އިފްތިތާޙުކޮށްފިއެވެ.

މި ޚިދުމަތްތައް އިފްތިތާޙުކޮށްފައިވަނީ އިސްކަންދަރުކޮށީގައި މިއަދު ބޭއްވި "ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025" އިވެންޓްގައެވެ.

Ad
rt

އިފްތިތާޙުކުރެވުނު މުހިންމު ޕްރޮޑަކްޓްތަކުގެ ތެރޭގައި އިތުރު ފީޗަރސްތަކާއެކު ތައްޔާރުކޮށްފައިވާ ޕޮލިސް އެޕްލިކޭޝަނާއި ސައިބަރ ޕޯޓަލް ހިމެނެއެވެ.

އާ ޕޮލިސް އެޕްލިކޭޝަންގައި ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހުށަހެޅުމާއި، އެ މައްސަލަތަކުގެ އަދާހަމަ ހޯދުމަށް ފަސޭހަ ގޮތްތައް ވަނީ ހިމަނާފައެވެ. އެޕްލިކޭޝަންގެ އެންމެ ޚާއްސަ ފީޗަރަކީ، ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ހޯދުމަށްޓަކައި މައްސަލަ ބަލާ ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތްކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވުމެވެ.

މީގެ އިތުރުން، އެޕްލިކޭޝަން ބޭނުންކޮށްގެން ސްކޭމް ޗެކްކުރުމާއި، ޕޮލިސް ސެޓްފިކެޓަށް އެދުމާއި، މައްސަލަ ރިޕޯޓްކުރުމާއި، އެވިޑެންސް ސަބްމިޝަން ފަދަ ގިނަ ޚިދުމަތްތައް ވެސް ލިބޭނެއެވެ.

އިފްތިތާޙުކުރެވުނު ސައިބަރ ޕޯޓަލްއަކީ މުޖުތަމަޢުގައި ހިނގާ ސައިބަރ ކުށްތަކުން ރައްކާތެރިކުރުމަށް އެހީތެރިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކޮށްފައިވާ ސްކޭމްތަކާ ގުޅޭ ލިންކުތަކާއި ނަންބަރުތައް ސާރޗްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއީ ސައިބަރ ކުށްތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިކަން ބޮޑުކުރުމަށް ފުލުހުން އަޅާ މުހިންމު ފިޔަވަޅެކެވެ.

މި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން، ފުލުހުންގެ އެތެރޭގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެހެނިހެން ނިޒާމުތައް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން، ފުލުހުންގެ އުޅަނދު ބެލެހެއްޓުމަށް ފްލީޓް މެނޭޖްމަންޓް ސިސްޓަމްއާއި، އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ފަސޭހަކުރުމަށް އެންޓްރީ މެނޭޖްމަންޓް ސިސްޓަމްއާއި، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ބެލެހެއްޓުމަށް ޕޮލިސް އިންފްރާސްޓަރަކްޗަރ ޕްރޮޖެކްޓްސް ސިސްޓަމްވެސް ވަނީ ދައްކާލާފައެވެ.

މި ހުރިހާ ނިޒާމުތަކަކީ ވެސް ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެކެވެ.