ހއ. އަތޮޅު ކައުންސިލުން ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025"ގެ ފައިނަލަށް މުބާރާތް ބާއްވާ ރަށް އުތީމު ދަތުރުކޮށްފިއެވެ.
ހއ.އަތޮޅުގެ ނުވަ ރަށެއް ބައިވެރިވެފައިވާ މި މުބާރާތުގައި އުތީމު ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ މެޗަކުން ބަލިނުވެ އެ ޓީމު ދަމަހައްޓަމުން އަންނަ ރެކޯޑާއެކު، ރޭ ކުޅުނު ސެމީގެ މެޗުގައި ޕެނަލްޓީގައި 6-5 އިން ދިއްދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗާއިއެކު ދިއްދޫ ވެސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ.
ފޯރިގަދަ ފެނުމެއް ފެނުނު މިޗެގައި ފުރަތަމަ ލީޑު ނެގީ ދިއްދޫއެވެ. ދިއްދޫ ޓީމުގެ މުޙައްމަދު ނައުޝާދު ޖަހައިދިން ލަނޑުން ކުރި ހޯދާފައި ވަނީ އުތީމުގެ އަހުމަދު އައިހަމް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ ލީޑު ދެވަނަ ފަހަރަށް ވެސް ނެގީ ދިއްދޫ އިންނެވެ. އެއީ އަލީ ޝާމްގެ ލަނޑުންނެވެ. ނަމަވެސް އުތީމުގެ މުޙައްމަދު އައިލަމްގެ ލަނޑަކުން އުތީމުން ވަނީ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ފުރިހަމަވަގުތު ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީއަށް ގޮސްގެންނެވެ. އުތީމުން އަބުދުﷲ އިލްހާމް، އައިހަމް، އައިލަމް އަދި ރިޝްވާން ޕެނަލްޓީ ކާމިޔާބުކުރިއިރު، މުޙައްމަދު ޝާމިލް ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
ދިއްދޫގެ ޒުނާމް މުޙައްމަދާއި, މުޙައްމަދު އަޝްރަފާއި އިބްރާހީމް ނަވާފްގެ ޕެނަލްޓީތައް ކާމިޔާބުކުރިއިރު، އެ ޓީމުގެ ނައުޝާދު އާއި ސުރާޚު ޖެހި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެ، މުބާރާތް ނިމިފައެވެ.
އިއްޔެ ހަވީރު ކުޅުނު މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ވެސް ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އަށް މުބާރާތް ނިމުނީ މުރައިދޫ އަތުން ޕެނަލްޓީގައި 2-3 އިން ބަލިވެގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ.
މި މުބާރާތުގައި މުރައިދޫ އާއި އުތީމު ބައްދަލުކުރާ ފައިނަލް އޮންނާނީ މާދަމާ ރެއެވެ. މި މެޗު ފަށާނީ މާދަމާ ރޭ 20:30 ގައެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމު ތަކަކީ އިހަވަންދޫ، އުތީމު، ވަށަފަރު، ފިއްލަދޫ އަދި ހޯރަފުއްޓެވެ. ގްރޫޕް ގައި ހިމެނެނީ ދިއްދޫ، މުރައިދޫ، ބާރަށް އަދި ކެލައެވެ.
މި މުބާރާތުގައި ހއ.އަތޮޅުން މި އަހަރު ބައިވެރި ނުވަނީ މޮޅަދޫ، ތުރާކުނު، އުލިގަމު، ތަކަންދޫ އަދި މާރަންދޫ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!