ށ. އަތޮޅު ރިސޯޓެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ، މި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ށ.ފޯކައިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މުޙައްމަދު ނަލީޒު (41އ) ސްނޯލައިޓް/ވ. ފެލިދޫ، އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މުޙައްމަދު ނަލީޒު ހައްޔަރުކުރުމަށްފަހު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ކަރުދާސްގަނޑެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ނަލީޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!