ރ. ރަސްގެތީމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުންކުރަން ތިބި ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

Ad
rt

ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ ރ. ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މަސްތުވާތަކެތި ބޭނުންކުރަން ތިބި މި ނުވަ މީހުން ހައްޔަރުކުރުމަށްފަހު އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ވެސް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ ރ. ހުޅުދުއްފާރު، ރަސްގެތީމު، ޅ. ނައިފަރު އަދި ހދ. ކުޅުދުއްފުށީގެ ފަރާތްތަކެކެވެ. އެއީ އަޙްމަދު ނިހާން (23އ)، އިބްރާހީމް ރިޝާމް (36އ)، އާދަމް ނަސީމް (30އ)، އަމީނާ މުޙައްމަދު (32އ)، އައްޔޫބު އާދަމް (33އ)، ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ)، އިބްރާހީމް ޢާދިލް (38އ)، އަޙްމަދު ވިޝާމް (41އ) އަދި ޙުސައިން ސަރްޙާން (30އ) އެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހަކު 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެއީ އަޙްމަދު ނިހާން، އިބްރާހީމް ޢާދިލް، އާދަމް ނަސީމް އަދި އިބްރާހީމް ރިޝާމްއެވެ. އަނެއް ފަސް މީހުން ކަމަށްވާ އަމީނާ މުޙައްމަދު، އައްޔޫބު އާދަމް، ފަރީޙާ ބިންތި ޢަލީ ވަޙީދު، އަޙްމަދު ވިޝާމް އަދި ޙުސައިން ސަރްޙާން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.