ށ. ކަނޑިތީމުގައި ކާމިޔާބުކަމާއެކު މިދިޔަ އޮކްޓޯބަރ މަހު ބޭއްވި 'މިލައުތުރު ފުޓްސަލް ޗެލެންޖް 2025' ނިމިގެންދިޔައިރު، ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހްސަން، މި މުބާރާތް ކާމިޔާބު ކުރުމުގައި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުގެ ފޮނި ބަސްތައް ބަންޑުން ކޮށްލައިފިއެވެ.
މި މުނާސަބަތުގައި، ރައީސް އަހްސަން ވަނީ ރަށުގެ ރައްޔިތުންގެ މެހެމާންދާރީއާއި، ތަރައްގީގެ މަގުގައި ކުރާ މަސައްކަތް ފާހަގަކުރައްވައި، ކަނޑިތީމަކީ ނަމޫނާ ރަށެއްކަން ހާމަކުރައްވާފައެވެ.
މިލައުތުރު ފުޓްސަލް މުބާރާތުގައި ކަނޑިތީމުން ހޯދި ފަޚްރުވެރި ކާމިޔާބާއި ގުޅިގެން ކަނޑިތީމު ރައީސް އަހުމަދު އަހްސަން "ތިލަދުން" އަށް ވިދާޅުވީ، 'މިލައުތުރު ފުޓްސަލް ޗެލެންޖް 2025' ކަނޑިތީމުގައި ބޭއްވުމުގެ ޝަރަފު ށ. އަތޮޅު ކައުންސިލުން އެރަށަށް ދެއްވީތީ، ހިތުގެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށެވެ.
އެގޮތުން، މި މުބާރާތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށްޓަކައި، ކައުންސިލްގެ މުވައްޒަފުންނާއި، ސަރުކާރުގެ އިދާރާތަކާއި، ޖަމްޢިއްޔާ ޖަމާއަތްތަކާއި، ހިލޭ ސާބަހަށް މަސައްކަތް ކުރި ފަރާތްތަކުގެ އިތުރުން، ވިޔަފާރިތަކުން ދެއްވި އެއްބާރުލުމާއި، ކޮށްދެއްވި ބުރަ މަސައްކަތަށްވެސް ރައީސް ވަނީ ހިފެހެއްޓުމެއްނެތް ޝުކުރު އަދާކުރައްވާފައެވެ.
ޚާއްސަ ގޮތެއްގައި، މި ފަޚުރުވެރި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ކަނޑިތީމުގެ އެއްބައިވަންތަކަން އިތުރުކޮށްދެއްވި ކަމަށްޓަކައި، ކަނޑިތީމު ޓީމަށް ރައީސް ވަނީ ވަރަށް ބޮޑަށް މަރުޙަބާ އާއި ތަހުނިޔާ ކިޔާފައެވެ.
މީގެ އިތުރުން ރައީސް އަހްސަން ވަނީ ރަށަށް ޒިޔާރަތްކުރެއްވި މެހެމާނުންނަށް ކަނޑިތީމުގެ ލޮބުވެތި ރައްޔިތުން ދެއްވި މެހެމާންދާރީއާއި، ބެހެއްޓެވި ގާތްކަން ފާހަގަކުރައްވަމުން، ކަނޑިތީމަކީ ނަމޫނާ ރަށެއްގެ ގޮތުގައި ބާއްވަ ދިނުމަށް ރައްޔިތުން ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.
"ހަގީގަތުގައިވެސް ފާއިތުވެ މި ދިޔަ އަހަރުތަކުތެރޭ އަޅުގަނޑަށް ފެނިގެން ދިޔައީ ކަނޑިތީމު ރައްޔިތުން ތަރައްގީގެ މަގުގައި ފަހަތަށް ޖައްސާ ނުލެވޭނެ ކަމެ، ރަށުގެ ކަންކަމުގައި ތިޔަ ރައްޔިތުންގެ ފަރާތުން ތިޔަ ދައްކަވައިދެނީ މުޅި މި ދިވެހި ރާއްޖެއަށްވެސް ނަމޫނާ އެކެވެ. ކަނޑިތީމަކީ މިހާރު ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅޭ ސަޅި ރަށެއް" ކަނޑިތީމު ރައީސް އަހުމަދު އަހްސަން ވިދާޅުވެފައިވެއެވެ.
މި މުބާރާތުގައި ކަނޑިތީމު ޓީމުން ހޯދި ކާމިޔާބީއާއި، ރައްޔިތުންގެ އެއްބައިވަންތަކަން ފާހަގަކުރެވުނުއިރު، ކަނޑިތީމަކީ މުޅި ރާއްޖެއަށްވެސް ނަމޫނާ ރަށެއްކަން މިކަމުން ވަނީ އިތުރަށް ސާބިތުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!