މިއަދު މާލޭގެ އެމްޕީއެލް އާއި ދިމާ ބޭރަށް ކޮޅުވެއްޓިއެއް ބަނޑުން ޖަހާލި ހާދިސާގައި ބިދޭސީ އަކު ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

16:45 - ހާދިސާ ހިނގައިގެން އުޅޭކަަމަށް ފުލުހުން ހާމަކުރުން

Ad
rt

މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވައި ވަނީ މިއަދު މެންދުރު ފަހު 15:44 ހާއިރުކަމަށް އެ އިދާރާއިން ބުންޏެވެ. އޭގެ ކުރިން މެރިން ޕޮލިހުން ވަނީ މި ހާދިސާ ހިނގައިގެން ހަރަކާތެރިވަމުން އަންނަކަމަށް ބުނެފައެވެ.

16:49 - އެމްއެންޑީއެފުން ހަރަކާތްތެރިވާން ފެށުން،

މިހާދިސާގެ ރިޕޯޓު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަކަމަށް ސިފައިން ބުނީ 16:39 ގައެވެ.

17:08 - 3 މީހުން އައިޖީއެމްއެޗަށް، އެކަކު ގެއްލިގެން ހޯދުން

މި ހާދިސާގައި ފުރަތަމަ ފެނުނު ތިން މީހުންނަށް އަނިޔާވެފައިވާތީ ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. އަދި އެކަކު ކޮޅުވެއްޓީގައި ވެއްޖެކަމަށް ލިބުނު މައުލޫމާތުގެ އަލީގައި ސިފައިންގެ މަސައްކަތުން އެމީހާ ކޮޅުވެއްޓިން ނަގާފައިވާކަމަށް ސިފައިން ވަނީ ބުނެފައެވެ.

17:08 - އައިޖީއެމްއެޗަށް ގެންދިޔަ މީހުންގެ އަދަދު 6 އަށް،

އެއިގެ ފަހުން ފުލުހުން ބުނީ ޖުމްލަ 6 މީހަކަށް އައިޖީއެމްގައި ފަރުވާ ދެމުން އަންނަކަމަށެވެ. އެއީ 4 ދިވެހިންނާއި 2 ބިދޭސީންކަމަށް ވެސް ބުންޏެވެ. އަދި އެތަނުން އެއް ބިދޭސީއެއްގެ ހާލު ސީރިއަސްކަމަށް ވެސް ބުންޏެވެ.

17:33 - ކޮޅުވެއްޓީގައި ތިބީ 14 މީހުން، ބިދޭސީއެއްގެ ހާލު ސީރިއަސް

ފުލުހުން ބުނީ ކޮޅުވެއްޓީގައި ޖުމްލަ 14 މީހުން ތިިބިކަމަށް އެނގިފައިވާ ކަމަށެވެ. އަދި އެ އެންމެން ފެނިފައިވާކަމަށް ވެސް ބުންޏެވެ.

ފުލުހުން އިތުރަށް މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި ބިދޭއަކަށް ބޮޑެތި އަނިޔާތަކެއް ލިބި އޭނާގެ ހާލު ވަނީ ސީރިއަސް ވެފައެވެ.

17:58 - ބިދޭސީއަކު ނިޔާވުން

ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި އަނިޔާލިބުނު ބިދޭސީއަކު ވަނީ ނިޔާވެފައެވެ. ބެލެވޭ ގޮތުގައި އެއީ އެންމެ ބޮޑަށް އަނިޔާވި ބިދޭސީ މީހާއެވެ. ނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މަސްއުދު ހޮސައިން އެވެ.

18:45 - ދިވެއްސެއްގެ ހާލު ސީރިއަސް

މިހާދިސާގައި ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއްވެ، ހާލު ސީރިއަސްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެއީ 25 އަހަރުގެ މީހެއްކަމަށް ވެސް ބުންޏެވެ.