އަންނަ އަހަރުގެ ބަޖެޓުގައި ޅ. ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިމަނުއްވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހިންނަވަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ހިންނަވަރަކީ ބޯހިޔާވަހިކަމުގެ ގޮންޖެހުންތަކެއް ހުރި ބައިބޯ ރަށެއްކަމަށާއި، މި ގޮންޖެހުންތަކަށް ޙައްލެއް ހޯއްދަވައި ދެއްވުމަކީ އެމަނިކުފާނުގެ ސަރުކާރުން އިސްކަމެއްދެއްވާ ކަމެއްކަމަށެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ ހިއްކާފައިވާ ސަރަޙައްދުގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކޮށް ނިންމަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި މިހާރު ހުއްޓުމަކަށް އައިސްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން މަސައްކަތް އަލުން ފައްޓަވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ މިއަދު ހިންނަވަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މި ބްރާންޗުން އަންނަ އަހަރުގެ މާރިޗު މަހު ޚިދުމަތް ދޭން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތަށް ބޭންކް ބްރާންޗުތައް ޤާއިމުކުރާ ހުރިހާ ރަށެއްގައިވެސް ކުރިއަށް އޮތް ފަސްވަރަކަށް މަސްދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގައި ހިނގަމުންދާ މަގުހެދުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)ގެ ޤާބިލިއްޔަތު އިތުރުކުރައްވައި، އެއް ރަށަށް ވުރެ ގިނަ ރަށުގައި އެއްފަހަރާ މަސައްކަތް ކުރެވޭނެގޮތް ހަދާނެކަމަށެވެ. އަދި ރަށު ބަނދަރުގެ ބޭރު ތޮށި އުސްކޮށް، އުޅަނދުފަހަރު އެޅޭނޭގޮތަށް ތަރައްޤީކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިންނަވަރުގެ ކުނި މެނޭޖްކުރުމާ ހަވާލުވާނެކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށުގައި ސްވިމިންގ ޓްރެކަކާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ހިންނަވަރަށް ހަރު ދުވެލީގައި ތަރައްޤީ ގެނައުން ކަމަށެވެ.

މީގެ އިތުރުން، ރައީސްގެ މި ދަތުރުފުޅުގައި، ހިންނަވަރު ފުލުހުންގެ މަރުކަޒާއި، ކައުންސިލް އިދާރާގެ އައު އިމާރާތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ފެނަކަ ކޯޕަރޭޝަންގެ އިމާރާތް ހުޅުއްވައިދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހަކާއި ދަނާލެއް ހިންނަވަރުގައި ޤާއިމުކުރުމުގެ މަޝްރޫޢާއި، ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢާއި، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.