ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަމުގެ މަޤާމަށް އެކޮމިޝަނުގެ މެންބަރު، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިއީ، ޝުޢައިބު ޢަބްދުއްރަހްމާނު، މި ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރެއްވި ދެވަނަ ދައުރެވެ. އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މިކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން މިކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރުހަމަވުމާގުޅިގެންނެވެ.
އެންއައިސީގެ ހަތަރު މެންބަރެއްގެ ދައުރު ހަމަވުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރި ހަތަރު ބޭފުޅުން ޝުޢައިބު ހިމެނޭހެން 26 އޮކްޓޯބަރު 2025 ގައި ވަނީ އެ ކޮމިޝަނަށް ޢައްޔަނުކުރަށްވާފައެވެ. އެއީ،
- ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް،
- ދަފްތަރު ނަމްބަރު 1854 ޝިފާޒް އަލީ،
- ދަފްތަރު ނަމްބަރު 1188 ޝުއައިބު އަބްދުއްރަހްމާން
- ދަފްތަރު ނަމްބަރު 1851 އަލީ މުހައްމަދު މަނިކެވެ.
އެންއައިސީއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.
މި ކޮމިޝަނަކީ މިއީ ދިވެހިރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!