ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޤުފު މަޝްރޫޢުތަކެއް ފެށުމަށް ސަރުކާރުން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް އެ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި މަޝްރޫޢުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ސިޔާސަތުގެ ދަށުން، އިސްލާމީ ޚިދުމަތްތަކަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއްކަމަށެބެ.
މި މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ގއ. ވިލިނގިލީގައެވެ.
ވަޒީރު ޝަހީމް ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުތަކުގެ ދަށުން އައްޑޫ ސިޓީގައި 23 މިލިއަން ރުފިޔާ، ފުވައްމުލައް ސިޓީގައި 15 މިލިއަން ރުފިޔާ، ކުޅުދުއްފުށި ސިޓީގައި 10 މިލިއަން ރުފިޔާ، ތިނަދޫ ސިޓީގައި 10 މިލިއަން ރުފިޔާ އަދި ވިލިނގިލީގައި 10 މިލިއަން ރުފިޔާގެ ވަޤުފު އިމާރާތް އެޅުމަށް އިންވެސްޓް ކުރެވޭނެއެވެ.
މި މަޝްރޫޢުތަކުން ލިބޭ ނަފާ ޚަރަދުކުރެވޭނީ އެ ސިޓީތަކުގެ އިސްލާމީ ކަންކަމަށާއި، މިސްކިތްތަކަށާއި ޤުރުއާނުގެ އިލްމު ފެތުރުމަށެވެ. އަދި މާލެ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ 2 މަޝްރޫޢުގެ ނަފާ މުޅި ރާއްޖެއަށް ބެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ލަސްވެގެން އަންނަ ޖަނަވަރީ މަހުގައި ފެށޭނެ ކަމަށް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!