ށ. ފޯކައިދޫ ސިއްހީ މަރުކަޒުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި އަދި އެ މަރުކަޒަށް ފިޒީޝަނެއް ހަމަޖައްސައިދެއްވައި، އެކްސް-ރޭގެ ޚިދުމަތް ގާއިމުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި، ފޯކައިދޫ ހެލްތް ސެންޓަރު މިހާރު ހުރި ލެވެލަށްވުރެ، މަތީ ލެވެލަކަށް އަޕްގްރޭޑް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އެ މަރުކަޒަށް ފިޒީޝަނެއް ހަމަޖައްސައިދެއްވާނެ ކަމަށާއި، ދާދި އަވަހަށް ފިޒީޝަނެއް ހޯދުމަށް އިޢުލާނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިޢުލާނުގެ ތެރެއިން ލިބުނުހާ އަވަހަކަށް ފިޒީޝަން ހަމަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ހެލްތް ސެންޓަރު ކުރިއެރުވުމުގައި، އަދި ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ރަށުގައި ގާއިމުވެ ހުންނަ ފިޒީޝަނެއް ލިބިގެން ދިޔުން ވެގެންދާނީ، ރަށުގެ ޞިއްޙީ ކަންކަން ކުރިއަރައިގެން ދިޔުމުގައި ވަރަށް މުހިންމު ކަމަކަށް ކަމުގައެވެ.
މީގެއިތުރުން، ފޯކައިދޫ ސިއްޙީ މަރުކަޒަށް އުމްރާނީ ގޮތުން އިތުރު ކުރިއެރުންތައް ގެނެސްދިނުމަށް ގަސްދުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެކްސް-ރޭ ޚިދުމަތް ގާއިމުކުރުން ފަދަ ކަންތައްތައްވެސް، އަންނަ އަހަރުގެ ތެރޭގައި އިތުރުވެގެންދާނެ ކަމަށާއި، އެއީ އަންނަ އަހަރުގެ ބަޖެޓު ފާސްވެގެންދާއިރު، ހިމަނައިގެން ކުރިއަށް ގެންދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ފިޒީޝަނެއް ހޯދުމަށް އިޢުލާން ކުރުމަށް ނިންމާފައިވަނީ މި އަހަރުގެ ތެރޭގައި ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!