މި އަންނަ އަހަރަށް ކަނޑައަޅާ މަޝްރޫޢުތަކުގެ ތެރެއިން ށ. ފޯކައިދޫ ސްކޫލްގެ ލެބްތަކަށާއި އޭވީ ރޫމަށް ބޭނުންވާނެ އައު އިމާރަތަކާއި، އެރަށުގައި ކުޅިވަރުގެ ދާއިރާއިން ، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް ވެސް އަޅަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ފޯކައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ފޯކައިދޫ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ރަށުގެ ތަރައްޤީއަށް ހުރި މުހިންމު ކަންތައްތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، މި އަންނަ އަހަރަށް ކަނޑައަޅާ މަޝްރޫޢުތަކުގެ ތެރެއިން، "ނިއު ޕޮލިސީ އިނިޝިއޭޓިވް"ގެ ދަށުން ސްކޫލަށް ބޭނުންވާ އިމާރާތް އަޅައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އިމާރާތުގައި ސައިންސް ލެބާއި، ކޮމްޕިއުޓަރ ލެބާއި، އޭވީ ރޫމް އަދި އެކި ކަންކަމަށް ބޭނުންވާ ޖާގަ ހިމެނޭނެއެވެ. މި މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި، ބަޖެޓު ފާސްވުމާއެކު އަހަރުގެ ކުރީކޮޅު ފެށިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް މި މަހުގެ ތެރޭގައި ހަވާލުކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި ދަނޑުތައް ރޭގަނޑުވެސް ކުޅެވޭގޮތަށް ލައިޓު ޖަހާފައި ހުރިހާ ކަމެއް ފުރިހަމަކޮށްފައި ހުންނާނެ ކަމަށާއި، މި އަހަރުގެ ތެރޭގައި މި މަޝްރޫޢުތައް ޢަމަލީގޮތުން ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ފޯކައިދޫގައި މޫދަށްއެރޭ ސަރަޙައްދު ހެދުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، މިއަދު ޢަމަލީގޮތުން އިފްތިތާޙުކުރެވުނު ތިން މަޝްރޫޢެއްގެ ގޮތުގައި އިސްލާމިކް ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތާއި، ފުލުހުންގެ އިދާރާ އެޅުމާއި، ކުނި މެނޭޖްކުރުމުގެ މަރުކަޒު ވެސް ރައީސް ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތައް ނިމިގެން ދިޔުމުން ރައްޔިތުންނަށް ފުރިހަމަ ނަފާ ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
''މިއިން ކޮންމެ މަޝްރޫޢެއްވެސް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ކުރިއަށްދާނެ. އަޅުގަނޑުމެން މަސައްކަތްތައް މި ފަށަނީ، އެކަމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްގެން. ފައިސާގެ ގޮތުން، ފަންނީ ގޮތުން، ތަކެތީގެ ގޮތުން، އިދާރީ ގޮތުން، ހުރިހާ ކަމެއް ހަމަނުޖައްސައި، މިއިން އެއްވެސް މަޝްރޫޢެއް އަޅުގަނޑުމެން ސޮއިކޮށް، ނޫނިއްޔާ މަސައްކަތެއް މިހާރު ނުފަށަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އޭގެ އެއްވެސް ކަމެއް މަޑުޖެހި، ހުއްޓިގެނެއް ނުދާނެ. އިރާދަކުރެއްވިއްޔާ ރަނގަޅަށް އަޅުގަނޑުމެން ގެންދާނަން.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!