އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގެ ރެކްޓަރ ޕްރޮފެސަރ އެމިރާތްސް ދަތޫކް ޑޮކްޓަރ އޮސްމާން ބަރަކް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ފަރާތުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ މަތީ ތަޢުލީމުގެ ދާއިރާއިން، ޚާއްޞަކޮށް ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އައިއައިޔޫއެމްއިން ދިވެހި ދަރިވަރުންނަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށްޓަކައި ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި އެހީތެރިކަން ދެމެހެއްޓުމަށް އެދިވަޑައިގެންފައިވެއެވެ.
ބައްދަލުވުން ނިމުމުގެ ކުރިން، ދެ ފަރާތުން ވަނީ ތަޢުލީމީ ދާއިރާއިން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެ، އުންމީދުތައް އައުކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ދެ މުއައްސަސާގެ މެދުގައި އިތުރު މަޝްރޫޢުތައް ހިންގުމަށްވެސް މަޝްވަރާކުރެވުނެވެ.
ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ވެސް ކިޔަވަމުން އަންނަ، ޔޫ.އައި.އެމް އަކީ 2014 ވަނަ އަހަރު އުފެދުނު އަމިއްލަ ޔުނިވަރސިޓީއެކެވެ. މި ޔުނިވަރސިޓީ އަކީ މެލޭޝިއާގައި އެންމެ ފުރަތަމަ ޕޯސްޓްގްރެޖުއެޓް ފެންވަރުގެ ކޯސްތައް އެކަނި ހިންގުމަށް އުފެއްދުނު ޔުނިވަރސިޓީއެވެ. މިގޮތުން އިސްލާމީ ތަޢުލީމުގެ މައްޗަށް ބިނާކޮށް މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ މި ޔުނިވަރސިޓީގައި މިހާރު މާސްޓާރސް އަދި ޕީ.އެޗް.ޑީ ފެންވަރުގެ ކޯސްތަކުގެ އިތުރުން، ފަހަކަށް އައިސް ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯސްތައްވެސް ހިންގައެވެ. މީގެ ތެރޭގައި އިސްލާމިކް ފައިނޭންސް، ޤާނޫނު، ތަރިކަ އަދި މެނޭޖްމަންޓް ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!