އުރީދޫ މޯލްޑިވްސް އަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ހައްޖު ދަތުރު ހޯދުމުގެ ފުރުސަތު އޮންނާނެކަމަށް އެކުންފުނިން ބުނެފި އެވެ.
މިހާތަނަށް 8 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބިފައިވާއިރު، މި ކެމްޕެއިންގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ދެމީހަކަށް ހައްޖު ދަތުރެއް ކަނޑައަޅާފައިވެއެވެ.
މި ކެމްޕެއިންގެ އެންމެ ހާއްސަ ކަމަކީ އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު އޮތުމެވެ. "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބިގެންދާނެއެވެ.
މި ޑްރޯގައި ބައިވެރިވުމަށް ކަސްޓަމަރުން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ވަކި ޝަރުތުތަކެއް ފުރިހަމަކުރަން ޖެހެއެވެ. މީގެ ތެރޭގައި ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް 250 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކުރުން ހިމެނެއެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުން މަދުވެގެން 400 ރުފިޔާ ހަރަދުކުރަންޖެހޭނެއެވެ. މީގެއިތުރުން، އުރީދޫގެ ހިދުމަތް 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު ބޭނުންކުރަންޖެހެއެވެ.
މި ކެމްޕެއިނާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވެފައިވަނީ، "ލިވް އަންލިމިޓަޑް ކެމްޕޭނާއެކު އަޅުގަނޑުމެންގެ އަމާޒަކީ އުރީދޫގެ މިހާރުގެ ކަސްޓަމަރުން އަދި އަލަށް ގުޅޭ ކަސްޓަމަރުންގެ އަގުވަޒަން ކުރުމެވެ. މި ކެމްޕޭނުން ދައްކުވައިދެނީ ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީއިން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެވިދާނެކަމެވެ" ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، މި ކުންފުނިން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް ފުރިހަމަ ކަނެކްޓިވިޓީއާއެކު ދިރިއުޅުން ފުރިހަމަކޮށްދެވޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!