އ.ދ ގެ ކޮމިޓީ އޮފް އެކްސްޕަރޓްސް އޮން ގްލޯބަލް ޖިއޯސްޕޭޝަލް އިންފޮމޭޝަމް މެނޭޖްމަންޓް ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން-ޖީ.ޖީ.އައި.އެމް.އޭ.ޕީ.) ގެ އެގްޒެކެޓިވް ބޯޑުގެ 2025-2028 ވަނަ ދައުރަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
މިއީ ދިވެހިރާއްޖެއިން މި ބޯޑުގެ މެންބަރުކަން އަދާކުރާ ފުރަތަމަ ފަހަރެވެ.
ދެކުނު ކޮރެއާގައި ބޭއްވުނު ޔޫއެން-ޖީ.ޖީ.އައި.އެމް.އޭ.ޕީގެ 14 ވަނަ ޕްލިނަރީ ބައްދަލުވުމުގައި، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ޖިއޯމެޓިކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުހައްމަދު ޝާފީ ވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން މި މަޤާމަށް ހޮވިވަޑައިގެންފައެވެ.
އާމީނިއާ، އޮސްޓްރޭލިއާ، ފިޖީ، އީރާން، ޖަޕާން، މެލޭޝިއާ، މޮންގޯލިއާ، ޕާކިސްތާން، ރަޝިއާ އަދި ޓޮންގާގެ މަންދޫބުންނާއެކު ދިވެހިރާއްޖެއިން މި ބޯޑުގެ ގޮނޑިއެއް ހޯދާފައިވާއިރު، ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވަނީ މިއާއެކު ރާއްޖެއިން މި ކޮމިޓީގައި ޖިއޯސްޕޭޝަލް ދާއިރާއިން ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް އިސްދައުރެއް އަދާކުރާނެ ކަމަށެވެ.
އ.ދ. ގެ ޖީ.ޖީ.އައި.އެމް.އޭ.ޕީގެ އެގްޒެކްޓެކިވް ބޯޑުގައި ޖުމްލަ 15 މެންބަރުން ހިމެނޭއިރު، މީގެ ތެރޭގައި ދެ ކޯ-ޗެއަރ އަދި ތިން ވައިސް-ޗެއަރ ހިމެނެއެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިންގައި ރޭވުމުގައި އެގްޒެކްޓެކިވް ބޯޑުން އިސް ދައުރެއް އަދާކުރެއެވެ.
އ.ދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. އަކީ 56 ޤައުމު ހިމެނޭ، އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގައި ޖިއޯސްޕޭޝަލް މަޢުލޫމާތު ތަރައްޤީކޮށް ބެލެހެއްޓުމުގައި އިސްދައުރެއް އަދާކުރާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. މި ޖަމްއިއްޔާއަކީ އ.ދ. ގެ ޖީ.ޖީ.އައި.އެމް. ގެ އޮނިގަނޑުގެ ދަށުން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާ ޖަމްއިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!