ޣާއްޒާ، (26 ސެޕްޓެމްބަރު): ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުތަކާއި ގުޅިގެން އިޒްރޭލުން އަބަދުވެސް ދޮގުހަދައި، އޮޅުވާލާކަމީ ފެންނަންއޮތް ހާމަކަން ބޮޑު ހަގީގަތެކެވެ. މީގެ އެތައް އަހަރެއް ކުރީން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ އެބިންތަކަށް ވެރިވެގަންނަމުންދާ ދިޔުމަކީ ވެސް ދޮގުގެ މަތީގައި ކުރަމުންއަންނަ ކަމެކެވެ.
ހުޅަނގުގެ މީޑިއާތަކުގެ ބޮޑު ކޮންޓްރޯލެއް އިޒްރޭލަށް އޮންނާތީ އިޒްރޭލުގެ ޖަރީމާތައް ފޮރުވަމުން އައިނަމަވެސް، މިހާރު ވަނީ އިޒްރޭލްގެ ސިއްރުކުރުންތައް އަމިއްލައަތުން ދޫވާ މިންވަރަށް ދުނިޔޭގެ އާންމުންގެ މެދުގައި ނުތަވަސްކަން އުފެދިފައެވެ. އަދި ހުޅަނގުގެ ބޮޑެތި މީޑިއާތަކަކުން ވެސް އިޒްރޭލުގެ ލާއިންސާނީކަން ދުނިޔެއަށް ހާމަކޮށްދެމުން އަންނާތީ، އިޒްރޭލަށް ދޮގުން ރެކެވޭނެ މަގު ވަނީ ބޮޑުތަނުން ހަނިވެފައެވެ.
މިއީވެސް އިޒްރޭލުގެ ދޮގުތައް ފަޅާއެރި ފަހަރެކެވެ. މިގޮތުން ޣާއްޒާގެ ނާސަރ ހޮސްޕިޓަލަށް އިޒްރޭލުން ދިން މަރުގެ ހަމަލާއަކާ ގުޅިގެން އިޒްރޭލުން ދައްކާފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން، ބައިނަލްއަޤްވާމީ މަޝްހޫރު ނިއުސް އެޖެންސީ ރޮއިޓާސް އިން ހެދި ފުޅާދާއިރާގެ ތަޙްޤީޤަކުން ވަނީ ހާމަވެފައެވެ.
މިދިޔަ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު ނާސަރ ހޮސްޕިޓަލަށް ދިން މި ހަމަލާގައި، 5 ނޫސްވެރިން ހިމެނޭ ގޮތަށް ޖުމްލަ 22 މީހުން ވަނީ މަރުވެފައެވެ. އިޒްރޭލުގެ ސިފައިން މި ހަމަލާއާ ގުޅިގެން ފުރަތަމަ ބުނެފައިވަނީ، ހަމަލާ ދިނީ ޑްރޯން ވީޑިއޯއެއްގައި ފެނުނު ހަމާސްގެ ކެމެރާއަކަށް ކަމަށެވެ. އަދި އެއީ ހަމަލާގެ އަމާޒު ކަމަށްވެސް އެބައިމީހުން ވަނީ ބުނެފައެވެ. ނަމަވެސް، ރޮއިޓާސްގެ ތަޙްޤީޤުން ދައްކާ ގޮތުގައި، އެ ކެމެރާއަކީ ހަމާސްގެ ކެމެރާއެއް ނޫނެވެ. އެއީ ރޮއިޓާސްގެ ކެމެރާއެކެވެ. އަދި އެ ކެމެރާ ބޭނުންކުރަމުން އައީ ރޮއިޓާސްގެ ނޫސްވެރިއެއް ކަމަށްވާ ހުސާމް އަލް-މަސްރީއެވެ.
ތަޙްޤީޤުގެ ހޯދުންތައް އަދި އިޒްރޭލުގެ ބަދަލުވާ ވާހަކަތައްރޮއިޓާސް އިން އެ ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި އެހެނިހެން މަޢުލޫމާތުތައް ބޭނުންކޮށްގެން ކުރި ތަޙްޤީޤުގެ ނަތީޖާ އިޒްރޭލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އަށް ހުށަހެޅުމުން، އިޒްރޭލުގެ އަސްކަރީ އޮފިޝަލަކު ވަނީ އެ ހަމަލާ ދިނީ ޣާއްޒާގެ އޮޕަރޭޝަންތަކުގެ އިސް ކޮމާންޑަރުގެ ހުއްދަ ނެތިކަމަށް އިޢުތިރާފުވެފައެވެ. މިކަމަކީ ކޮމާންޑް ޗެއިން ނުވަތަ ހުއްދަ ހޯދުމުގެ އުސޫލުތަކާ ޚިލާފު ޢަމަލެއް ކަމަށްވެސް އެ އޮފިޝަލު ވަނީ ބުނެފައެވެ.
ހޮސްޕިޓަލަށް ހަމަލާ ދިނުމުގެ އެއް ދުވަސް ފަހުން، އިޒްރޭލުގެ އޮފިޝަލަކު ބުނެފައިވަނީ އައިޑީއެފްގެ އިބްތިދާއީ ތަޙްޤީޤުން ދައްކާ ގޮތުގައި، ސިފައިން އަމާޒުކުރީ ހަމާސްގެ ކެމެރާއަކަށް ކަމަށާއި، އެ ކެމެރާއިން ހޮސްޕިޓަލުން އިޒްރޭލުގެ ސިފައިން ރެކޯޑުކުރަމުންދިޔަ ކަމަށެވެ. އަދި ކެމެރާ ފޮތިގަނޑަކުން ނިވާކޮށްފައި އޮތުމުން އެކަމާމެދު ޝައްކު އުފެދި، އެ ކެމެރާ ހަލާކުކުރުމަށް ނިންމި ކަމަށް އޭރު ބުނެފައިވެއެވެ.
އައިޑީއެފްގެ ޑްރޯން ވީޑިއޯގެ ސްކްރީންޝޮޓެއްގައި ފެންނަނީ ދެ ކުލައިގެ ފޮތިން ނިވާކޮށްފައިވާ ކެމެރާއެއް ހޮސްޕިޓަލުގެ ސިޑިގޮޅިއެއްގައި ބަހައްޓާފައި އޮތް މަންޒަރެވެ. މި ފާއިތުވި ހަފްތާގައި އަސްކަރީ އޮފިޝަލަކު ރޮއިޓާސްއަށް ކަށަވަރުކޮށްދިން ގޮތުގައި، ފޮތިން ނިވާކޮށްފައިވާ އެ ކެމެރާއަކީ ހަމަލާގެ އަމާޒެވެ.
ނަމަވެސް، އެ ކެމެރާ ނިވާކޮށްފައިވާ ފޮތި އެތަނުގައި ބެހެއްޓީ ހަމާސްއަކުން ނޫނެވެ. އެއީ ހަމަލާގައި މަރުވި ރޮއިޓާސްގެ ނޫސްވެރިއެއް ކަމަށްވާ ހުސާމް އަލް-މަސްރީގެ ނަމާދުކުރަން އަޅަން ބޭނުންކުރާ ފޮތިގަނޑެކެވެ. ރޮއިޓާސްގެ ތަޙްޤީޤުން ދައްކާ ގޮތުގައި، މޭ މަހުން ފެށިގެން މަދުވެގެން 35 ފަހަރު މަސްރީ ވަނީ އެ ސިޑިގޮޅީގައި ކެމެރާ ބަހައްޓައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރޮއިޓާސްގެ މީޑިއާ ކްލައެންޓުންނަށް ލައިވް ފީޑު ފޮނުވާފައެވެ. އޭނާ ގިނަ ފަހަރު ކެމެރާ ހޫނުންނާއި ހިރަފުހުން ރައްކާތެރިކުރުމަށް ފެހި އަދި ހުދު ކުލައިގެ ނަމާދު ކުރަން އަޅާ ފޮތިގަނޑަކުން ނިވާކުރާކަން ރޮއިޓާސްއިން ވަނީ ހޯދާފައެވެ.
ކޮމާންޑް ޗެއިންގެ ޚިލާފުވުން އަދި ނުޖަވާބުދެވޭ ސުވާލުތައްރޮއިޓާސްގެ މި ތަޙްޤީޤުން ހާމަވާ ގޮތުގައި، ހަމަލާ ދިނުމުގައި އިޒްރޭލުގެ ސިފައިން ވަނީ ކޮމާންޑް ޗެއިން ނުވަތަ ހުއްދަ ހޯދުމުގެ އުސޫލުތަކާ ޚިލާފުވެފައެވެ. އަދި ހަމަލާގެ އަމާޒުކަމަށް ބުނި ކެމެރާއަކީ ހަމާސްގެ ކެމެރާއެއް ނޫންކަން ކަށަވަރުކޮށްދެއެވެ. މީގެ ކުރިން އެސޯސިއޭޓެޑް ޕްރެސްއިން ވެސް ވަނީ މި ހަމަލާގައި އެ ނޫސް އޭޖެންސީގެ ނޫސްވެރިއެއް މަރުވެފައިވާ ކަމަށާއި، އިޒްރޭލުން އަމާޒުކުރި ކެމެރާއަކީ ރޮއިޓާސްގެ ކެމެރާއެއްކަމުގެ ވަރުގަދަ ހެކި ލިބިފައިވާ ކަމަށް ބުނެފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހަމަލާ ސިފަކޮށްފައިވަނީ "ހިތާމަވެރި އޮޅުމެއް" ގެ ގޮތުގައެވެ. އަސްކަރީ އޮފިޝަލަކު ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި މަސްރީ އާއި އެހެން ނޫސްވެރިންނަކީ ހަމަލާގެ އަމާޒެއް ނޫނެވެ. އަދި އެ ފަރާތްތަކަކީ ހަމާސްއާ ގުޅުން ހުރި ބައެއް ކަމަށް ޝައްކުކުރެވޭ ބައެއް ވެސް ނޫނެވެ.
ހަމާސްގެ ކެމެރާއެއްކަމަށް އިޒްރޭކުން ބުނި ރޮއިޓާސްގެ ކެމެރާ ފެންނަ ދެ ފޮޓޯ، ފޮޓޯ: ރޮއިޓާސް
ހަމާސްގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރު އިސްމާޢީލް އައް-ތަވާބިތާ ބުނެފައިވަނީ ނާސަރ ހޮސްޕިޓަލުން ހަމާސްއިން އިޒްރޭލުގެ އަސްކަރީ ބާރުތައް ރެކޯޑުކުރަމުންދިޔަ ކަމަށް އިޒްރޭލުން ދައްކާ ވާހަކައަކީ "ދޮގު އަދި ހަދާފައިވާ ވާހަކައެއް" ކަމަށެވެ. އިޒްރޭލުން މަސައްކަތް ކުރަނީ "ހޮސްޕިޓަލާއި، ބަލިމީހުންނާއި، މެޑިކަލް މުވައްޒަފުންނާ ދެކޮޅަށް ހިންގި ފުރިހަމަ ހަނގުރާމައިގެ ކުށް ފޮރުވުމަށް" ކަމަށް އޭނާ ބުނެފައިވެއެވެ.
މި އައު ހާމަކުރުންތަކާ އެކުވެސް، ހަމަލާ ދިންތާ މަހެއް ފާއިތުވެގެން ގޮސްފައިވާއިރު، ރޮއިޓާސްގެ ކެމެރާއަށް އަމާޒުކޮށް މަސްރީ ޝަހީދުކޮށްލެވުނު ގޮތުގެ ފުރިހަމަ ތަފްސީލު އައިޑީއެފްއިން އަދިވެސް ދީފައެއް ނުވެއެވެ. މީގެ އިތުރުން އިޒްރޭލުގެ އަސްކަރިއްޔާއިން އަންނަނިވި ކަންކަން ބަޔާންކޮށްދީފައެއް ނުވެއެވެ:
- ހޮސްޕިޓަލުގެ މުވައްޒަފުންނަށް ނުވަތަ ރޮއިޓާސްއަށް ހަމަލާ ދޭން ގަސްތުކުރާކަން ކީއްވެ އިންޒާރު ނުދިންކަން.
- ފުރަތަމަ ހަމަލާގައި ކެމެރާއަށް އަމާޒުކުރުމަށްފަހު، 9 މިނެޓު ފަހުން ސިޑިގޮޅިއަށް އަނެއްކާވެސް ހަމަލާދީ، އެހީއަށް އައި އެހެން ނޫސްވެރިންނާއި ކުއްލި ނުރައްކަލުގެ ޚިދުމަތްތެރިން ޝަހީދުކޮށްލި ސަބަބު.
- މަސްރީ ޝަހީދުވި ސިޑިގޮޅިއަކީ ހަނގުރާމައިގެ މުޅި މުއްދަތުގައި ގިނަ ނޫސްވެރިން ވީޑިއޯ ނެގުމަށާއި ރިޕޯޓު ފޮނުވުމަށް ޢާންމުކޮށް ބޭނުންކުރަމުންދިޔަ ތަނެއްކަން ރިޢާޔަތްކުރިތޯ.
- ހަމަލާ ދިނުމުގެ ހުއްދަ ދިން ފަރާތަކީ ކާކުކަން (ސަރަޙައްދީ ކޮމާންޑަރުގެ ހުއްދަ ނެތި ހަމަލާ ދިނުމުގެ އަމުރު ދިން ފަރާތެއް އަސްކަރީ އޮފިޝަލު ބަޔާންކޮށްދީފައެއް ނުވެއެވެ).
ރޮއިޓާސްގެ ތަހުގީގީ ރިޕޯޓުގައި ބުނެފައިވާގޮތުގައި ނާސަރ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅޭ ގޮތުން ފުރިހަމަ ތަފްސީލު ނުދިނުމަކީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްގެ ހަމަލާއަށްފަހު އިޒްރޭލުން ފެށި ދެ އަހަރު ދުވަހުގެ ހަނގުރާމައިގައި ނޫސްވެރިން މަރާލުމާ ގުޅޭ އިޒްރޭލުގެ އަސްކަރީ ހަމަލާތަކުގައި ފެންނަމުންދާ ވަކި ނަމޫނާއެކެވެ. ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނާ ގޮތުގައި، ޣާއްޒާ، އިޒްރޭލް އަދި ލުބްނާންގައި މަރުވެފައިވާ 201 ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިންގެ މަޢުލޫމާތު އެ ޖަމްޢިއްޔާއިން ވަނީ ރެކޯޑުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ޣާއްޒާގައި އިޒްރޭލުން މަރާލި 193 ފަލަސްޠީނު ނޫސްވެރިން، ލެބަނޮންގައި އިޒްރޭލުން މަރާލި 6 ނޫސްވެރިން، އަދި އޮކްޓޯބަރު 7 ގެ ހަމަލާގައި މަރުވި 2 އިޒްރޭލީ ނޫސްވެރިންނެވެ.
މި ހާމަކުރުންތަކުން ދައްކާ ގޮތުގައި، އިޒްރޭލުގެ އަސްކަރިއްޔާއިން ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ ހަމަލާތަކާ ގުޅޭ ގޮތުން ފުރިހަމަ މަޢުލޫމާތު ހާމަނުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ރޮއިޓާސްގެ ރިޕޯޓުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!