ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލުކުރެއްވުމަށްފަހު ދެ ޤައުމުގެ ދެމެދުގައި ނިއުކްލިއަރ އެއްބަސްވުމެއްގައި ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ.
ތުރުކީން އެމެރިކާއާއެކު ސޮއިކުރި އިސްތިރާޖީ ނިއުކްލިއަރ އެއްބަސްވުމާއި ގުޅޭގޮތުން ތުރުކީގެ އެނަރޖީ މިނިސްޓަރު އަލްޕަރސްލާން ބައިރަކްޓަރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެއީ ނިއުކްލިއަރ ހަކަތައިގެ ދާއިރާގައި ތުރުކީއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމުގެ އައު މަރުހަލާއެއްގެ ފެށުންކަމަށެވެ.
"އަޅުގަނޑުމެން ވަނީ ނިއުކްލިއަރ ހަކަތައިގެ ދާއިރާގައި އެމެރިކާއާ ދެމެދު ޕާޓްނަރޝިޕް އިތުރަށް ފުޅާކުރުމަށް އައު މަރުޙަލާއެއް ފަށާފައި، ދެ ޤައުމުގެ ލީޑަރުންގެ ޙާޟިރުގައި، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯއާއެކު، އަޅުގަނޑުމެން ވަނީ 'އިސްތިރާޖީ މަދަނީ ނިއުކްލިއަރ އެއްބާރުލުމުގެ އެއްބަސްވުން' ގައި ސޮއިކޮށްފައި." އޭނާ ވިދާޅުވެފަވެއެވެ.
މި އެއްބަސްވުމުގެ ކުރިން، ތުރުކީން ވަނީ އެ ގައުމުގެ ރައީސް އެމެރިކާއަށް ކުރެއްވި މި ދަތުރުފުޅުގައި އިތުރު ހަކަތައިގެ ބޮޑު އެއްބަސްވުމެއްގައިވެސް ސޮއިކުރައްވާފައެވެ. މިގޮތުން، ސަރުކާރުގެ ބޯޓާސް ކުންފުނިން ވަނީ ސުވިޒަލޭންޑްގެ މަރކޫރިއާ އަދި އޮސްޓްރޭލިއާގެ ވުޑްސައިޑް އެނަރޖީއާއެކު ޖުމްލަ 75.8 ބިލިއަން ކިއުބިކް މީޓަރުގެ އެލް.އެން.ޖީ (ދިޔާ ގުދުރަތީ ގޭސް) އެތެރެކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ތުރުކީގެ އެނަރޖީ މިނިސްޓްރީން މި އެއްބަސްވުމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވިނަމަވެސް، ތުރުކީގެ އިސް އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، ދެ ޤައުމުން ވަނީ ބޮޑެތި ނިއުކްލިއަރ ޕަވަރ ޕްލާންޓްތަކާއި ކުދި މޮޑިއުލަރ ރިއެކްޓަރުތައް އިމާރާތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!