ޣައްޒާ އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ އިންސާނިއްޔަތުކަމުގެ އެންމެ އަނދިރި ދުވަސްވަރުތަކުގެ ތެރެއިން އެއް ދުވަސްވަރު ކަމުގައި ތުރުކީގެ ރައީސް ރެޖެޕް ޠައްޔިބް އަރްދޫޣާން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު، އދ. ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅެއްގައި ރައީސް އަރްދޫޣާން ވަނީ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލައްވާފައެވެ.

Ad
rt

ރައީސް އަރްދޫޣާން ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނު އޮތޯރިޓީ އާއި ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ އިސްވެރިންނަށް، އޭގެ ތެރޭގައި ފަލަސްޠީނު އޮތޯރިޓީގެ ރައީސް މަޙްމޫދު ޢައްބާސްވެސް ހިމެނޭ ގޮތަށް، އެމެރިކާއިން ވިސާ ދޫކުރުމަށް އިންކާރުކޮށްފައިވުމަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެމުންދާ ސަމާލުކަން ކުޑަވުމުގެ ހެއްކެކެވެ.

އިސްރާއީލުން ނޫސްވެރިން މަރާލައި، ޣައްޒާއަށް ވަދެވޭ ހުރިހާ މަގެއް ބަންދުކުރުމުން ވެސް، ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތައް ފޮރުވުމަށް ކާމިޔާބު ނުވާކަން ރައީސް އަރްދޫޣާން ފާހަގަކުރެއްވިއެވެ.

"ޣައްޒާގެ ދިރިއުޅުމުގެ ޙާލަތު" ދައްކުވައިދޭ ކަމަށް ވިދާޅުވެ، ބަނޑުހައިހޫނުކަމުގައި ތިބި އަންހެނުން، ކާނާ ލިބިގަތުމަށް ބަކެޓާއި ތަށި ހިފައިގެން މަޑުކޮށްގެން ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އޭނާ އދ. ގެ އާންމު މަޖިލީހަށް ދެއްކެވިއެވެ. މި ފޮޓޯއިން ޣައްޒާގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ އިންސާނީ ކާރިސާގެ ބޮޑުކަން ހާމަވެގެންދެއެވެ.

ޤަޠަރުގެ މައްޗަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުން ދައްކުވައިދެނީ އިސްރާއީލް "މުޅިން ކޮންޓްރޯލުން ނެއްޓިފައިވާކަން" ކަމަށް ރައީސް އަރްދޫޣާން ވިދާޅުވިއެވެ.

އޭނާ ވަނީ ޣައްޒާގައި ވީހާވެސް އަވަހަކަށް ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އަދި މި ހަނގުރާމަ ހުއްޓާލުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް އަރްދޫޣާން ފާހަގަކުރެއްވިއެވެ.