އެސްޓީއޯ މެދުވެރިކޮށް ބާޒާރަށް މިރުސްނެރުނަސް އެކަންކުރާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެއްވެސް ގެއްލުމެއް ނުވާގޮތަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮޅުމަޑުލު ކަނޑޫދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގައި މިރުސް ހެއްދުމަށް ކަނޑޫދޫއަކީ މުހިއްމު ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެސްޓީއޯއިން މިރުސް ބާޒާރަށް ނެރުނަސް އެކަން ކުރައްވާނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސްވިއްކާ އަގުގައި ގަނެގެން، އެފައިދާ ރައްޔިތުންނަށް ލިބޭގޮތަށް ކަމަށެވެ. މިއީ އެރަށުގެ ދަނޑުވެރިންނާއި ވިޔަފާރިވެރިންގެ މަސްލަހަތު ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ އިސްކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޚަރަދުކުޑަގޮތެއްގައި ކަނޑޫދޫގައި މިރުސްހެއްދުމަށް މިހާރުހުރި ދަތިތައް ކުޑަކޮށްދެއްވުމަށް، ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް ކަނޑޫދޫއަށް ފޮނުއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިޓީމުން ރަށުގެ ދަނޑުވެރިންނަށް ބޭނުންވާ ތަޖުރިބާގެ އެހީތެރިކަން ފޯރުކޮށްދީ، މިރުސް ހެއްދުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައްވައިގެން ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ އާއި ޙަވާލުކުރައްވައިގެން ކުރިއަށްގެންދެވުމާމެދު ސަރުކާރުން ވަރަށް އަވަހަށް ގޮތެއްނިންމަވާނެ ކަމަށެވެ.
މީގެ އިތުރުން ރަށު ސްކޫލްގެ އުމުރާނީ މަސައްކަތާއި، ހެލްތު ސެންޓަރުގެ މަސައްކަތް އަދި ކުޅިވަރު ކުޅޭދަނޑުތަކާއި ވަސީލަތްތައް ނިންމައި، އިތުރަށް ފުރިހަމަކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ. މިކަންކަން ކުރިއަށްގެންދެވުމުގެ މަޤްސަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ތަރައްޤީގެ ނަތީޖާ އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!