އެމްއެންޑީއެފުން ހިންގި "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް" ގެ ދަސްވެނިވުން މިއަދު ބާއްވައިފިއެވެ.

ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ހިންގި ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަވަނަވައަށް ހޮވުނު ފަރާތްތަކާއި ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމާންޑަރ އިންޖިނިއަރ ބްރިގޭޑް އޮފް ސްރީލަންކާ، ބްރިގޭޑިއަރ ޖެނެރަލް އޭ.އެން އަމަރަސޭކަރަ އެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Ad
rt

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން ވަނީ ސްރީލަންކާ އާރމީގެ ޓްރޭނިންގ ޓީމަށް ހަނދާނީ ފިލައެއް ހަދިޔާކޮށްފައެވެ. މި ހަނދާނީ ފިލާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި ސްރީލަންކާ އާރމީ ގެ ފަރާތުން މި ހަނދާނީ ފިލަ އާ ހަވާލުވެލެއްވީ ބޮމްބް ޑިސްޕޯސަލް ޓްރޭނިންގ ކޯހުގެ ހެޑް އޮފް ޓްރޭނިންގ، ލެފްޓިނެންޓް ކާނަލް ސީ.ޑީ ވިކްރަމަނަޔަކެ އެވެ.

މި ކޯހުގެ މުދައްރިބުންގެ ގޮތުގައި މަސައްކަތްކޮށްދެއްވި ސްރީލަންކާ އާރމީގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފެވެ.

މި ރަސްމިއްޔާތުގައި ޝުކުރު އަދާކުރުމުގެ ގޮތުން ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ކޯސް ކުރިއަށްދިޔަ ގޮތާ ގުޅޭގޮތުުން އިތުރު މަޢުލޫމާތު ދެއްވީ ބޮމްބް ޑިސްޕޯސަލް ޓްރޭނިންގ ކޯހުގެ ހެޑް އޮފް ޓްރޭނިންގ، ލެފްޓިނެންޓް ކާނަލް ސީ.ޑީ ވިކްރަމަނަޔަކެ އެވެ. އަދި ކޯސް ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ވަނީ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

އެމްއެންޑީއެފާއި ސްރީލަންކާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ ބޮމްބް އެންޑް އައިއީޑީ ޑިސްޕޯސަލް އެޑްވާންސް ކޯހަކީ ސިފައިންގެ ހުނަރާއި އޮޕަރޭޝަނަލް ޤާބިލުކަން އިތުރު ކުރުމުގެ ގޮތުން ސިފައިންގެ ތެރޭގައި އަލަށް އެކުލަވާލި "އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރީން" ގެ ދަށުން ކުރިއަށްގެންދިޔަ ކޯހެކެވެ. މި މަހުގެ 4 ން 16 އަށް ހިންގި މި ކޯސް ކުރިއަށްގެންގޮސްފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫގެ އިތުރުން އެ އަތޮޅުގެ ބައެއް ރަށްތަކުގައެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި އޮފިސަރުންގެ އިތުރުން ސްރީލަންކާ އާރމީގެ މުދައްރިބުންނާއި ވޮރަންޓް އޮފިސަރުންނާއި ކޮމާންޑް ސާޖަންޓް މޭޖަރ ރޭންކުގެ ސިފައިން ބައިވެރިވެފައިވެއެވެ.