ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޤަޠަރަށް ފުރާވަޑައިގެންފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު ބާއްވާ މި ސަމިޓަކީ މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ޙަމަލާއާ ގުޅިގެން ބާއްވާ ސަމިޓެކެވެ.

Ad
rt

މި ސަމިޓްގައި ރައީސް ޚާއްޞަ ބަޔާނެއް އިއްވަވާނެ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

ރައީސް މުޢިއްޒު މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަކީ، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް ގުޅުމުގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ކަމެއްކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލަމުންދާ ގޮވާލުމަށްވެސް މި ދަތުރުފުޅުން ބާރު ލިބިގެންދާނެކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމުތަކުގެ އިސްވެރިން މި ނާޒުކު ދަނޑިވަޅުގައި އެއްތަނަކަށް އެއްވުމަކީ، މުސްލިމު އުއްމަތުގެ އެއްބައިވަންތަކަމަށް ކުރެވޭ އުންމީދަށް ކުޑަނަމަވެސް އަލިކަމެއް ލިބިގެންދާކަމެކެވެ.

މި ސަމިޓްގެ ތެރެއިން މުސްލިމު އުއްމަތުގެ އަޑު އެއް އަޑަކުން އުފުލައި، ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބޭނުންވާ މުހިންމު ފިޔަވަޅުތަކެއް އެޅިގެންދިޔުމަކީ މުސްލިމް އުންމަތުގެ އުންމީދެވެ.