މައްކާގެ މަސްޖިދުލް ހަރާމް ކައިރިން އިންޑޮނޭޝިއާގެ ހައްޖު ވެރިންނަށް "ހައްޖު ވިލެޖެއް" އެޅުމަށްޓަކައި އެ ގައުމުން ބިން ގަތުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢަކީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ ހުށަހަޅުއްވައި، ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާއެކު ކުރެވުނު ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވުނު މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް މަގުފަހިވެފައިވަނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މައްކާގައި ބޭރު ގައުމުތަކަށް ބިން ގަތުމުގެ ހުއްދަ ދިނުމަށް ސަޢޫދީ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

Ad
rt

މި މަސައްކަތް ފެށިފައިވަނީ މިމަހުގެ ތެރޭގައެވެ. މި ކަން ކުރިއަށް ގެންދަނީ އެގައުމުގެ އިންވެސްޓްމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މަސްޖިދުލް ހަރާމް ކައިރިން 25 ހެކްޓަރުން ފެށިގެން 80 ހެކްޓަރާ ހަމައަށް ހުރި 8 ބިން ސަޢޫދީ ސަރުކާރުން ދޫކުކުމަށް އެއްބަސް ވެފައިވެއެވެ. މި ބިންތަކުގައި ބިމާއި އެއްވަރަށް ލެވެލް ކުރެވިފައިވާ ބިމާއި ފަރުބަދަ ހިމެނޭހެން އޮތް ބިން ތައްވެސް ހިމެނެއެވެ. އަދި މި ބިންތަކުގައި މީހުން ދިރިއުޅޭނަމަ، އެ މީހުން އެހެން ތަނަކަށް ބަދަލުކުރުމާއި ބަދަލު ދިނުމުގެ އެންމެހައި ކަންކަން ސަޢޫދީ ސަރުކާރުން ބަލަހައްޓާނެކަމަށް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑޮނޭޝިއާއިން އޮކްޓޯބަރު މަހުގެ ކުރިން އިންފްރާސްޓްރަކްޗަރ ޑިޒައިންތަކާއި ތަރައްގީގެ ޕްލޭންތައް ހުށަހަޅަންޖެހެއެވެ. މި ވިލެޖްގައި ހައްޖު އަދި އުމްރާ އަށް ޒިޔާރަތްކުރާ ހާޖީންނަށް ޚާއްސަ ވަސީލަތްތަކުގެ އިތުރުން، އާންމުކޮށް ވިޔަފާރި ކުރާނޭ ސަރަހައްދެއްވެސް ހިމެނޭނެއެވެ.

މިނިސްޓަރ ރޯސްލާނީ ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ އިމާރާތްކުރުމުގެ މަސައްކަތްތައް ބަލަހައްޓާނީ ދަނަންތާރާގެ އިސްނެގުމުގެ ދަށުން އެކުލަވާލެވޭ ކޮންސޯޓިއަމްއަކުންނެވެ. އަދި މި މަޝްރޫޢުގެ ފައިނޭންސިންގ ހަމަޖައްސާނީ މައި ސަރުކާރާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ގުޅިގެންނެވެ.

އަހަރެއްގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ އިންޑޮނޭޝިއާގެ ރައްޔިތުން ސައުދީއަށް ޒިޔާރަތްކުރެއެވެ. މިއީ، އެގައުމުގެ ހާޖީންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.