ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އެޅުމަށާއި، އެކަމަށް އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިހެން ގޮވާލާފައި ވަނީ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ މައި މަރުކަޒުގައި ކުރިއަށްދިޔަ ފަލަސްޠީނު މައްސަލައާ ގުޅޭ މަތީ ފެންވަރުގެ ބައްދަލުވުމުގައެވެ.
މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 އަށް އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައިމަރުކަޒުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ޤަތުލުޢާންމު ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކާއި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ވަނީ ގޮވާލައްވާފައެވެ.
މި ބައްދަލުވުމުގައި ޑރ. ނަޞީރު ފާހަގަކުރެއްވި ގޮތުގައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކުގެ މަތިން، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު އޮތުމުގެ ޙައްޤު ކަށަވަރުކުރަންޖެހެއެވެ. އަދި އަންރުވާއިން ފޯރުކޮށްދޭ އެހީތެރިކަން ދެމެހެއްޓުމުގެ މުހިންމުކަންވެސް ނަސީރު ފާހަގަކުރެއްވިއެވެ.
އަރަބި ޤައުމުތަކުން އެކުލަވާލާފައިވާ އަރަބް ރީކޮންސްޓްރަކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން، ވީ މިންވަރަކުން ދިވެހިރާއްޖެއިން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަން ޑރ. ނަޞީރު ވަނީ އިޢުލާނުކުރައްވާފައެވެ.
މި ކޮންފަރެންސްއަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އދ. ގެ ޢާންމު މަޖިލީހުން ފާސްކުރި ޤަރާރެއްގެ ދަށުން ބޭއްވޭ ބައްދަލުވުމެކެވެ. ފްރާންސް އަދި ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރުން ޗެއަރކުރައްވާ މި ކޮންފަރެންސް ވަނީ މެދު އިރުމަތީގެ ހާލަތު ގޯސްވުމާ ގުޅިގެން ޖޫން މަހު މެދުކަނޑާލުމަށްފަހު، ޖުލައި 28 ވަނަ ދުވަހު އަލުން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!