ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ނުތިބެ އެހީތެރިވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވެފައިވަނީ، ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި ރެޑްކްރެސެންޓް ޖަމާޢަތްތައް މެދުވެރިކޮށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
"އެންމެ ފުރާނައަކަށް ދިރުން ހޯދައި ދިނުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެކެވެ،" ވަޒީރު ވިދާޅުވިއެވެ.
ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ގުޅިގެން، އެ ސަރަޙައްދުގައި ތިބި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަށް ރާއްޖޭގެ އެކި ފަރާތްތަކުންވެސް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.
ޣައްޒާގައި މިހާރު ކުރިމަތިވެފައިވާ އިންސާނީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، އދ. އިން ބުނެފައިވަނީ އެ ސަރަޙައްދުގައި ތިބި ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑުހައިހޫނުކަމުގެ ސަބަބުން ނުރައްކާތެރި ހާލަތެއްގައި ތިބި ކަމަށެވެ.
އިސްރާއީލްގެ ލާއިންސާނީ އަނިޔާގައި ފަލަސްތީނުގެ އެތައް ހާސް ކުދިންނެއް ޝަހީދުވެފައިވާއިރު، އަދި ވެސް ޣައްޒާގެ ހާލަތު ދުވަހުން ދުވަހެއް ދަނީ ގޯސް ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!