ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު މާލޭގެ ސަލްޓަން ޕާކުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މޫނިމާ ގަހެއް އިންދަވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މި ހަރަކާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad
rt

މި ރަސްމިއްޔާތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ބަދަހި ގުޅުމުގެ ރަމްޒެއްގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމުގައި ދެ ޤައުމުން ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

ސަލްޓަން ޕާކުގައި އިންދެވުނު މޫނިމާ ގަހަކީ ދިވެހިރާއްޖޭގެ މާޙައުލާ ގުޅޭ، އަދި ރާއްޖޭގައި އާންމުކޮށް ހެދޭ ގަހެކެވެ.

މި މަހު 27 ގައި ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެ އަށް ފެއްޓެވި ދަތުރުފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުމުގެއިތުރުން ދެ ޤައުމުގެ ރައީސުންގެ ގުޅުފައިވާ ބަޔާނެއް ދެއްވާފައެވެ. އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ވަނީ ސޮއިކޮށްފައެވެ.

އެއީ، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަލް ޑިޕްލޮމެޓިކް ޓްރޭނިންގ އިންސްޓިޓިއުޓް އާއި ދެމެދު ވެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޑިޕްލޮމެޓިކް ޓްރޭނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމަންޓްސް އާއި ދެޤައުމުގެ މެދުގައި، ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށް ވެވޭ މުއާހަދާ އެވެ.

މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޑިޕްލޮމެޓިކް ޓްރޭނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމަންޓްސްގެ ސަބަބުން ދެޤައުމުން ގުޅިގެން ޑިޕްލޮމެޓުން ތަމްރީނުކުރުމާއި، މަޢުލޫމާތު ހިއްސާކުރުމާއި، އިދާރީ ވަސީލަތްތަކާއި ޑޮކިއުމެންޓޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރެވިގެންދާނެއެވެ. އަދި ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށް ވެވުނު މިމުއާހަދާގެ ދަށުން، ޖިނާޢީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި، ދަޢުވާކުރުމާއި، ހެއްކާއި މަޢުލޫމާތު ހިއްސާކުރުން ފުޅާކުރެވިގެންދާނެއެވެ