ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ ފަސްދޮޅަސް އަހަރު ފުރުން ފާހަގަކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައިގަނޑު މަޤްޞަދުގައި ކުރެއްވި ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ، އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާ ގިނަ ބައްދަލުކުރެއްވުންތަކެއް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި މޫސުމީ ބަދަލުތަކާއި، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން، އަދި ޢަދުލުއިންސާފުގެ ނިޒާމީ އިސްލާޙުތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފަވެއެވެ.
މީގެއިތުރުން، ރައީސް ވަނީ އިނގިރޭސި ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނަ އާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުން ދެ ޤައުމުގެ ފަސްދޮޅަސް އަހަރުވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެއްވާ އަހަންމިއްޔަތުކަން ކަށަވަރުވެގެންދިޔަކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައި، ރާއްޖެއާއި ކޮމަންވެލްތުން މަސްލަޙަތު ހިއްސާކުރާ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާ މެދުވެސް މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ބޭއްވި "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"ގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންފައިވެއެވެ. މި ފޯރަމްގައި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށް، ދިވެހި ސީފުޑް ދުނިޔޭގެ ބާޒާރުގައި ޕްރޮމޯޓްކުރުމަށް "ފްރޮމް މޯލްޑިވްސް" މަރުކާ އިފްތިތާޙުކޮށްފަވެއެވެ.
މި ދަތުރުފުޅަކީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ގިނަ ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިމަގަށް އުއްމީދުތައް އާކޮށްދިން މުހިންމު ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!