ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ރާއްޖެއިންނާއި ބޭރުން ފަރުވާ ހޯދައިދިނުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ ޖޫން މަހު 25.8 މިލިއަން ރުފިޔާގެ އެހީ ދީފައިވާ ކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި ހޭދަކުރެވުނު 25.8 މިލިއަން ރުފިޔާގެ ތެރެއިން، ރާއްޖޭގައި ފަރުވާ ހޯދި ފަރާތްތަކަށް ޖުމްލަ 17.7 މިލިއަން ރުފިޔާގެ އެހީ ދީފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ފަރުވާ ހޯދި މީހުންނަށް ދީފައިވަނީ 8.1 މިލިއަން ރުފިޔާއެވެ.

Ad
rt

އެންސްޕާގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދި ފަރުވާތަކަށް ބަލާއިރު، އެންމެ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތަކާއި ނާރުގެ ބަލިތަކަށެވެ. މި ބަލިތަކަށް ފަރުވާކުރި ޖުމްލަ 112 މީހަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. މީގެ އިތުރުން، އެންސްޕާގެ އެހީގައި ދެން އެންމެ ގިނައިން ބޭރުން ފަރުވާ ހޯދާފައިވަނީ މައިބަދަ އާއި ނާރުގެ ބަލިތަކަށެވެ. އެ ބަލިތަކަށް ފަރުވާ ހޯދި މީހުންގެ އަދަދު 111އަށް އަރާއިރު، ދެން އެންމެ ގިނައީ ކަށީގެ ބަލިތަކަށް ފަރުވާ ދިން އެހީއެވެ. އެ ބައްޔަށް ފަރުވާކުރި 104 މީހަކަށް މިދިޔަ މަހު އެހީ ދީފަވެއެވެ.

ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ރާއްޖެއިން ބޭސްކުރުމަށް އެންސްޕާއިން ޖޫންމަހު ޕްރައިވެޓް ދެ ހޮސްޕިޓަލަށް ޖުމްލަ 468 ކޭސް އަކަށް 6.5 މިލިއަން ރުފިޔާ ޚަރަދުކޮށްފަވެއެވެ. އެއީ ޓްރީޓޮޕް ހޮސްޕިޓަލަށް 3.3 މިލިއަން ރުފިޔާ އަދި އޭޑީކޭ ހޮސްޕިޓަލަށް 3.2 މިލިއަން ރުފިޔާއެވެ. މި ދެ ހޮސްޕިޓަލުން ފަރުވާހޯދި މީހުންގެ ތެރެއިން އެންމެ ގިނަ އެހީ ދީފައިވަނީ ކަށީގެ ބަލިތަކަށް ފަރުވާ ހޯދި މީހުންނަށެވެ.

އެންސްޕާއިން މިދިޔަ ޖޫންމަހު ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ބޭސްފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ އާލާތްތައް އަދި މެޝިން ހޯދުމަށް އެހީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއެހީ އެންމެ ގިނައިން ދީފައި ވަނީ ބައިޕެކް މެޝިނާއި މާސްކް ގަތުމަށެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަކީ ބޭސްފަރުވާގެ އިތުރުން ވެސް، ދައުލަތުގެ އާސަންދަ ސްކީމްގެ ދަށުން އެހެނިހެން މުހިންމު ކަންކަމުގައި އާންމުންނަށް މާލީ އެހީ ފޯރުކޮށްދޭ ސަރުކާރުގެ މުހިންމު އޭޖެންސީއެކެވެ.