ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝާން އާއި ގުޅިގެން ބޭއްވި އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި އެންމެ ގިނަ މީޓް ރިކޯޑް ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރާއި، މިލަންދޫ ސްކޫލްގެ އިބްރާޙިމް ނަޝީހް އަލީ ހޯދައިފިއެވެ.

މި މަހު 21 އިން 26 އަށް ކުޅުދުއްފުށީގައި ކުރިއަށް ދިޔަ މި މުބާރާތުގައި އުތުރުގެ 19 ސްކޫލަކުން 725 އެތުލީޓުން ބައިވެރިވެފައިވާއިރު މި މުބާރާތުގެ ނިންމުމުުގެ ރަސްމިއްޔާތު ރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ވަނީ ބާއްވާފައެވެ.

Ad
rt

އެގޮތުން މި މުބާރާތް ޝަރަފުވެރިކޮށްދެއްވާފައި ވަނީ ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާއިލް ރަފީޤް އެވެ. އަދި މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ އާއި ނ. އަތޮޅު ކައުންސިލުގެ ރައީސް އާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ސިޓީ ކައުންސިލް މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މުބާރާތުގައި އެންމެ ގިނަ ވަނަތައް ހޯދައި ހުރިހާ އުމުރުފުރާ އަކުން މުޅި ޖުމްލަ 40 އަށް ވުރެއް ގިނަ މެޑަލް ހޯދައިގެން ފިރިހެން ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ މިލަންދޫ ސްކޫލެވެ.

އެގޮތުން މިލަންދޫ ސްކޫލުގެ އިބްރާހީމް ނަޝީހް އަލީ ވަނީ 3 ރަން މެޑަލް އާއިއެކު 15 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުގެ މަޤާމު ހޯދައި، 80 މީޓަރު ހާރޑަލްސް އާއި ޓްރިޕަލް ޖަމްޕް އިން މީޓް ރިކޯޑް ހަދާފައެވެ. އަދި 17 އަަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށްވެސް ހޮވިފައިވަނީ 3 ރަން މެޑަލް ހޯދައި، މިލަންދޫ ސްކޫލުގެ އެތުލީޓެއްކަމަށްވާ މުހައްމަދު ޒައިދާން ޒާއިން އެވެ. އޭނާ ވަނީ ޓުރިޕަލް ޖަމްޕް އިން މީޓް ރިކޯޑް ހަދާފައެވެ.

މީގެ އިތުރުން މި މުބާރާތުގައި އެންމެ ގިނަ ކާމިޔާބީ ހޯދި އަންހެން ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އެ ރަށު ޖަލާލުއްދީން ސްކޫލެވެ. އެ ސްކޫލުން ވަނީ 20 އަހަރާއި 17 އަހަރުން ދަށުގެ އަންހެން އުމުރުފުރާއިން ޗެމްޕިއަންކަން ހޯދާފައެވެ.

އެގޮތުން 20 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ 100 މީޓަރާއި 200 މީޓަރުން މީޓް ރިކޯޑް އައުކޮށް، 3 ރަން މެޑަލް ހޯދައި ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރެވެ. އަދި 20 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ 3 ރަން މެޑަލް އާއިއެކު، ޖަލާލުއްދީން ސްކޫލުގެ އަހުމަދު ޝައްމާމް އަލީ އެވެ.

އަދި 17 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓުގެ މަޤާމުވެސް ހޯދާފައިވަނީ 3 ރަން މެޑަލް އާއި އެކު ޖަލާލުއްދީން ސްކޫލުގެ އެތުލީޓެއްކަމަށްވާ މަރިޔަމް މީޝާ މުޖުތަބާއެވެ.

މި މުބާރާތުގައި 3 އުމުރުފުރާއަކުން އެންމެ މޮޅު އެތުލީޓުން ހޮވާފައިވާކަން ފާހަގަކޮށްލެވޭއިރު، 15 އަހަރުން ދަަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ 3 ރަން މެޑަލް އާއި ލޯންގ ޖަމްޕް އިން މީޓް ރިކޯޑް ހަދައި، ގިނަ ގުނަ ކާމިޔާބީތަކަކާއެކު މުބާރާތުގައި 15 އަހަރުން ދަށުގެ އަންހެން ރަނަރ އަޕް ޓީމަށް ނިސްބަތްވާ އަފީފުއްދީން ސްކޫލުގެ އައިމިނަތު އައުހާ އަބުދުއް ރަހުމާން އެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ކުރިއަށް ގެންދިޔަ މި ނިންމުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ ސަރުކާރު ތިން ސްކޫލުގެ ދަރިވަރުން ވަނީ ރަސްމިއްޔާތުގެ ތެރެއިން ވަކި ވަކި އައިޓަމްތައް ހުށަހަޅާދީފައެވެ. އަދި މުއްސަނދި ސަގާފަކާއެކު ކުޅުދުއްފުށި ސިޓީ ރަމްޒުކޮށްދީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުނީ މުބާރާތައް ހާއްސަކުރެވިފައިވާ ލަވައިން ނެށުންތަކަކާއިއެކު ދަފި ނެގުމުގެ ހަރަކާތަކުންނެވެ.