ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި ބައެއް މީހުންނާ ފްލެޓްތައް ހަވާލުކުރަން އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުން ހަދައި، އޭގެ ތެރެއިން ބައެއް މީހުންނާ އެކު އެއްބަސްވުމެއް ހަދާފައިވެ އެވެ. ނަމަވެސް އެ މީހުންނަށް ފްލެޓްތައް ހަވާލު ނުކުރާތީ އޭގެ ތެރެއިން 15 މީހަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

Ad
rt

އެ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެ މީހުން އެދުނީ އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ހުރަސް އެޅޭނެ ކަމެއް ނުކުރުމަށާއި އެ ފްލެޓްތައް މީހުން ފިޔަވައި އިތުރު ބަޔަކާ ހަވާލު ނުކުރަން އަމުރެއް ނެރުމަށެވެ.

ނަމަވެސް، ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ ފްލެޓްތަކުގެ ދާއިމީ ލިސްޓް އަދިވެސް އިއުލާންކޮށްފައި ނުވާތީ އާއި އެއްވެސް ފަރާތަކަށް ކުރިން ދޭން ނިންމާފައިވާ ފްލެޓެއް ނުދިނުމަށް ނުވަތަ ކުރިން މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ދިނުން ފަދަ މަސައްކަތެއް މިވަގުތު ކުރިއަށް ނުދާތީ އެފަދަ އަމުރެއް ނެރެންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

މި ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު، 2023 ގައި ކުރީގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަން ހާމަކޮށްފަ އެވެ. ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ބުނެފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން ލިސްޓެއް އިއުލާންކުރި އެވެ. ނަމަވެސް މި ސަރުކާރުން އެ ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ފެބުރުއަރީ މަހު ނެރެފައިވެ އެވެ.