މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ (އެމްއެފްއެލްސީ) އިން ތަޢާރަފްކުރި "ފަސޭހަ ލޯން" އަދި "ފަހި ލޯން" އަށް ކުޅުދުއްފުށީ ބުރާންޗުންވެސް އެޕްލައި ކުރެވޭނެކަމަ އެކުންފުނިން ބުނެފިއެވެ.
މި ސްކީމް ތައާރަފް ކޮށްދެއްވީ މިދިޔަ އާދިއްތަ ދުވަހު އެމްއެފްއެލްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ޑިރެކްޓަރ އެޑަމް ސަލީމް އެވެ. ފަސޭހަ ލޯން އަދި ފަހި ލޯންއަކީ އެމްއެފްއެލްސީގެ ލޮބުވެތި ކަސްޓަމަރުންގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމުގައި މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އެޑަމް ވިދާޅުވިއެވެ.
"ފަސޭހަ ލޯން އިން އެއްލައްކަ ރުފިޔާއާއި ހަމައަށް ގެރެންޓަރ އަކާއި ނުލާ ލޯނު ނެގޭނެ. އަދި 24 ގަޑިއިރުތެރޭ ލޯނު ނަންގަވާ ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާ ކުރެވޭނެ. ލޯނުގެ ޙިދުމަތަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން. އަދި މިޚިދުމަތް ތައާރަފްކުރެވުމުން ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ. އެމްއެފްއެލްސީ ފަހި ލޯން މެދުވެރިކޮށް ރަހުނަކާއިއެކު، އެއް ލައްކައިން މަތިން، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ލޯނު ނެގޭނެ"
މިލޯނާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ ފަރާތުން ބުނެފައިިވެއެވެ.
ފަސޭހަ ލޯން ނަންގަވާ ކަސްޓަމަރުންނަށް ލިބިގެންދާނެ އިތުރު ފައިދާއަކީ ލޯނު ނަންގަވާ ކޮންމެ ކަސްޓަމަރަކަށް އެމްއެފްއެލްސީއިން ސޮލަރެލް އިންޝުއަރެންސް މެދުވެރިކޮށް އެއް ލައްކަ ރުފިޔާގެ ޕާސަނަލް އެކްސިޑެންޓް ކަވަރ ޕޮލިސީއެއް ދެއްވުންކަމަށާއި މިޕޮލިސީ ކަސްޓަމަރ އަށް ލިބިގެންދަނީ މުޅިން ހިލޭކަމަށް ބުނެފައިވެއެވެ.
އެގޮތުން އެމްއެފްއެލްސީ އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް އެމް އޭ) އިން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައިވާއިރު ކުންފުނީގެ ހިންގުމުގައި ކަންކަން ވަރަށް ގާތުން ބައްލަވައި އިރުޝާދު ދެއްވާ ބޯޑް މެމްބަރުންނަށް ޝުކުރު ދަންނަވާފައިވެއެވެ.

އެމްއެފްއެލްސީ ގެ 17 އަހަރުގެ ދިގު މާޒީގައި އެމްއެފްއެލްސީ ގެ ޙިދުމަތް ހޯއްދެވި އަދި މުސްތަގުބަލުގައި ޙިދުމަތް ހޯއްދަވަން ތިއްބެވި ހުރިހާ ފަރާތް ތަކަށް މިރަސްމިއްޔާތުގައި ޝުކުރު ދަންނަވާފައިވެއެވެ.
އެމްއެފްއެލްސީ އަކީ އާންމުންނަށާއި ވިޔަފާރިތަކަށްވެސް ގޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން ހަރު މުދާވެސް ލީސް ކޮށްދޭ ކުންފުންޏެކެވެ. އަދި މީގެ އިތުރުން އެކުންފުނިން ގެދޮރު މަރާތު ކުރުމާއި އިމާރާތް ކުރުމާއި އެޕާޓްމަންޓް ގަތުމަށާއި އަދި ޕްރެޖެކްޓް ލޯނު ވެސް ދޫކުރެެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!