އިސްރާއީލުން ޣައްޒާއަށް އެހީ ދިނުމުގެ ހުއްދަ ދީފައިވަނީ އެންމެ 'ސައިސަމުސާ' އެއްހާ ކާބޯތަކެތި ވެއްދުމަށްކަމަށް އެކުވެރި ދައުލަތްތައް (އދ.) އިން ބުނެފިއެވެ.
ނިއު ޔޯކްގައި ހުކުރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވީ، ޣައްޒާގެ ބަނޑަށް މަރުވަމުންދާ ރައްޔިތުންނަށް ކާނާގެ އެހީފޯރުކޮށްދިނުމަށް އިސްރާއީލުން ދިނީ ''ސައިސަމުސަލެއް''ގެ މިންވަރު ޣާއްޒާ އަށް އެތެރެކުރެވޭނެ ފުރުސަތެކެވެ.
ޣައްޒާގައި ތިބި 2.1 މިލިއަން ފަލަސްޠީނުގެ ރައްޔިތުން މި ވަގުތު ތަޙައްމަލު ކުރަމުން އެ ދަނީ މި އަނިޔާވެރި ހަމަނުޖެހުމުގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެރި ދުވަސްތައްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ކުއްޖަކު ކާއެއްޗެއް ލިބުމުން ހިފައިގެން ދަނީ، ފޮޓޯ: އަލްޖަޒީރާ
ގުތެރޭޝް ވިދާޅުވިގޮތުގައި، ހަލުވި، އިތުބާރު ކުރެވޭ، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ޣައްޒާ އަށް އެހީ ނުލިބިއްޖެނަމަ އިތުރު އެތައްހާސް ބަޔަކު ބަަނޑަށް މަރުވެދާނެއެވެ. އަދި މުޅި އާބާދީއަށް ދިގު މުއްދަތަކަށް ކުރާނެ އަސަރުތައް ދިގުދެމިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ ރައްޔިތުން އިސްރާއީލުގެ އިސްތިއުމާރުގެ ދަށުގައި ތަޙައްމަލު ކުރަމުން ގެންދަނީ އިންސާނީ ތާރީޚު މިފަހަކަށް އައިސް ދެކެފައި ނުވާފަދަ ލާއިންސާނީ އަނިޔާވެރި ކަންތައްތަކެކެވެ.
ކާނާ ހުސްވެ ރަށު ބަންދުގައި ތިބި ޣައްޒާގެ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ދަނީ ބަނޑަށް މަރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!