ކުޅިވަރު ޤާނޫނަށް ގެނެވުނު އިސްލާހުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރު ކުރެވިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ހެނދުނު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ މި އިސްލާހަކީ ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުންނާއި، ޖަމުޢިއްޔާތަކުންނާއި، ކުޅިވަރު ކުޅުއްވާ ބޭފުޅުން އެތައް އަހަރެއް ވަންދެން އެދިވަޑައިގަންނަވަމުން ގެންދެވި ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، މި އިސްލާހުގެ ސަބަބުަބަބުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ. މިގޮތުން ސަރަޙައްދީ ޖަމުޢިއްޔާތަކާއި އެސޯސިއޭޝަންތައް އުފެދިގެންދާނެ ކަމަށާއި، އަތޮޅު ފެންވަރުގައި އެންމެ ގިނަ ކުޅުންތެރިންނަށް ފުރުޞަތު ދެވި، އެންމެ މޮޅު ޓެލެންޓްތައް ދެނެގަނެވި، ތަމްރީނު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އަދި މި އިސްލާހުގެ ދަށުން ކުޅިވަރުގެ ޤައުމީ ފަންޑެއް ޤާއިމުކުރެވިގެންދާނެ ކަމަށާއި، މި ފަންޑުގެ ނަތީޖާއަކަށްވާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ފެންވަރެއްގައި އެތުލީޓުންނާއި ކުޅިވަރު ކުޅޭ ކުޅުންތެރިން ތަރައްޤީކުރެވުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، މި އިސްލާހުގެ ދަށުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަށް ޤާނޫނީ ބާރުވެރިކަން ލިބިގެންދާނެ ކަމަށާއި، މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ރޮނގުން ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ކުޅިވަރާ ބެހޭ މަޖިލީހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާނެ މެންބަރަކު ހިމެނިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މި އިސްލާހުގެ ދަށުން ޖިންސީ ތަފާތުކުރުން ނައްތާލުން ކަށަވަރުކުރެވިގެންދާނެ ކަމަށެވެ. މިހާރު ޤާނޫނީގޮތުން ލާޒިމުކުރަނީ ކުޅިވަރުގެ ދާއިރާގައި ޖިންސުގެ މައްޗަށް ބިނާކޮށް ތަފާތުނުކުރެވޭނެ ކަމަށް ކަމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވާ ކުޅުންތެރިންގެ ފެންވަރު މަތިވެ، މިހާރަށްވުރެ ގިނަ މަތީ ވަނަތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކުޅިވަރު ޤާނޫނަށް ގެނެވުނު މި އިސްލާހަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލު ކަމަށް ބެލެވެއެވެ. މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުޅިވަރުގެ ހަރަކާތްތައް ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!