ޕްލެނެޓް ވީނަސް އަށް ދަތުރުކުރުމަށް 1972 ވަނަ އަހަރު ފުރުވާލި ސޯވިއެޓް މަތިންދާބޯޓު ކޮސްމޯސް 482، 2025 ވަނަ އަހަރުގެ މެއި މަހުގެ 9 އާއި 11 އާ ދެމެދު ބިމުގެ ޖައްވަށް ވަދެ، ބިމަށް ވެއްޓޭނެކަމަށް ލަފާކުރެވޭކަމަށް ނާސާއިން ބުނެފިއެވެ.
ވެނެރާ ޕްރޮގްރާމްގެ ދަށުން ވީނަސް އަށް ދަތުރުކުރުމަށް ފޮނުވި މި އުޅަނދު، އިންޖީނު ކުރިން ހުއްޓުމުގެ ސަބަބުން ބިމުގެ އޯބިޓްގައި ހަރުލައި، އެތައް އަހަރެއް ވަންދެން ދުއްވަމުން ދިޔައެވެ. މި އުޅަނދު ފޮނުވާލިތާ ކުޑަދުވަސްކޮޅެއް ފަހުން އުޅަނދުގެ ބައެއް ބައިތައް ބިމަށް ވެއްޓުނު ނަމަވެސް، އުޅަނދުގެ މައި ބައި ބިމުގެ އޯބިޓްގައި ދުއްވަމުން ދިޔައެވެ.
ގާތްގަނޑަކަށް 495 ކިލޯގްރާމް ބަރުދަނުގެ މި އުޅަނދު، ވީނަސްގެ ޖައްވުގެ ހަލަބޮލި މާހައުލަށް ތައްޔާރުކޮށްފައިވާ އެއްޗަކަށް ވުމުން، އާންމު ސެޓެލައިޓްތަކަށްވުރެ ވަރުގަދައެވެ. އެހެންކަމުން މި އުޅަނދު ބިމަށް ވެއްޓޭއިރު އެއްކޮށް ވެއްޓުމުގެ ފުރުސަތު ބޮޑުކަމަށް ސައިންޓިސްޓުން ބުނެއެވެ.
މި މަތިންދާބޯޓު ބިމަށް ވެއްޓޭނެ ސަރަހައްދެއްގެ ގޮތުގައި ބެލެވެނީ އުތުރުން 52 ޑިގްރީ އާއި ދެކުނުން 52 ޑިގްރީ އާ ދެމެދުގެ ސަރަހައްދެވެ. މީގެ ތެރޭގައި ލަންޑަން، ނިއުޔޯކް އަދި ބެއިޖިންގް ފަދަ ބޮޑެތި ސިޓީތައް ހިމެނެއެވެ.
މި އުޅަނދު ބިމަށް ވެއްޓޭއިރު، އުދަރެހުގައި އަލިގަދަ ބޮޅެއްގެ ސިފައިގައި ފެންނާނެކަމަށް ބެލެވެއެވެ. ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީން މި މަތިންދާބޯޓުގެ ދަތުރު ގާތުން ބަލަމުންދާ ކަމަށާއި، އަޕްޑޭޓްތައް ދެމުންދާނެ ކަމަށް ބުނެފައިވެއެވެ.
ކޮސްމޯސް 482 އުޅަނދު މޭ 10 ވަނަ ދުވަހު ދުނިޔެއަށް ވެއްޓޭނެކަމަށް ލަފާކޮށްފައިވާއިރު، އެދުވަހު ރާއްޖެ ހިމެނޭ ސަރަހައްދު ކައިރިން މި އުޅަނދު ދަތުރުކުރާނެ ގަޑިއަކީ ރާއްޖެ ގަޑިން 12:56 އެވެ.
މި އުޅަނދު ވެއްޓުމަށް ދުނިޔޭގެ ފަށަލައިގެ ތެރެއަށް ވަންނާނެކަމަށް އީ.އެސް.އޭ އިން މިހާރު ލަފާކުރާ ގަޑިއަކީ ރާއްޖެ ގަޑިން 13:16 އެވެ. ބަރުދަނުގައި 495 ކިލޯ ހުންނާނެކަމަށް އަންދާޒާކުރޭ މި އުޅަނދު ވެއްޓޭނެ ކަމަށް އަންދާޒާކުރާ ސްޕީޑަކީ ގަޑިއަކު 242 ކިލޯމީޓަރުގެ ބާރުމިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!