ރާއްޖެ ޑިޖިޓަލް އިޤްތިޞާދަކަށް ކުރިއަރަމުންދާއިރު އެކަމުގައި ޒުވާނުންގެ ހިއްސާ އޮތުމަކީ ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަކޮށްގެން މިއަދު މީސްމީޑިއާގައި އާންމުކުރެއްވި "ސްޕޮޓް އޮން" ނަމަކަށް ކިޔާ ސިލްސިލާ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޑިޖިޓަލް އިޤްތިޞާދެއްގެ ގޮތުގައި ރާއްޖެ ކުރިއަރަމުންދާއިރު އެކަމުގައި ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ހިއްސާ އޮތުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އުންމީދު ކަމަށެވެ.
"މިހާރުވެސް ޒުވާނުން އެ ދާއިރާގައި އަދާކުރާ ދައުރު ބޮޑު. ނަމަވެސް ހުރިހާ ގޮތަކުންވެސް މިކަމުގެ އެންމެ ކުރީގައި ޒުވާނުން ތިބުމަކީ އަޅުގަނޑު އެދޭ ގޮތް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހި ކޮންމެ ޒުވާނަކީ ދިވެހިވަންތަ، ފަޚުރުވެރި، އަދި އިސްލާމްދީނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ކުރިއަރައި ދިއުމަށްވެސް ރައީސް މުޢިއްޒު އެދިވަޑައިގެންނެވިއެވެ.
ޕޮޑްކާސްޓްގައި ރައީސް މުޢިއްޒު ވަނީ ޒުވާނުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ކަންތައްތައް ކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނަކީ ހަމައެކަނި ދެއްކުންތެރިކަމުގެ ނިޔަތުގައި އެއްޗެއް ވިދާޅުވާނެ ބޭފުޅެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
މި ޕޮޑްކާސްޓްގައި ޒުވާނުންގެ ފަރާތުން 5 ސުވާލެއް ރައީސް މުޢިއްޒާ ކުރިމަތިކުރުވިއެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ އިތުރުން، ރައީސް މުޢިއްޒުގެ ޒުވާން ދުވަސްވަރުގެ ހަނދާންތަކާއި ތަޖުރިބާތަކެއްވެސް ހިއްސާކުރެއްވިއެވެ.
މި ޕޮޑްކާސްޓަކީ ޒުވާނުންނާ ގުޅުން ބަދަހިކުރުމަށާއި އެމީހުންގެ ކަންބޮޑުވުންތަކަށް އަޑުއެހުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ބައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!