މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕީއެންސީ/ޕީއެމްއެމް އިން ބޭއްވި ސިޔާސީ ހަރަކާތްތަކުގައި ބޭންދި ހުސްގޮނޑިއާއި ކުރީގެ ރައީސް އަބުﷲ ޔާމީން އަބުދުލްޤައްޔޫމާއި އެއްވެސް ގުޅުމެއްނެތްކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މި ވެރިކަން ލިބުނީ ''ހުސް ގޮނޑިއެއް'' ދައްކައިގެންކަމަށް ބަޔަކު ވާހަކަ ދައްކާތީ އެކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.
މިގޮތުން އެއިރު ޕީއެންސީގެ ރައީސްގެ މަގާމުގައި ހުންނެވި އަބުދުއް ރަހީމް ޢަބުދުﷲ (އަދުރޭ) އުޅުއްވަމުން ގެންދެވީ ވަރަށް ބިޒީކޮށްކަމަށްވުމުން، އަބުދުއްރަޙީމަށް ވަޑައިގެންނެވެންދެއް އަބުދުއްރަހީމަށް ޚާއްޞަކޮށްގެން ހުސް ގޮނޑިއެއް ބަހައްޓަމުން ދިޔަކަމަށް ލަތީފް ވިދާޅުވިއެވެ. އަދި އެއީ އަބުދުއްރަހީމަށް ޙާއްސަކޮށް ބެހެއްޓި ހުސް ގޮނޑިއެއްކަމަށް ވެސް ވިދާޅުވިއެވެ.
ލަތީފްގެ ވާހަކާގައި ވަނީ ކުރީގެ ރައީސް ޔާމީނަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. މިގޮތުން ޖަންގަލީގެ އެންމެ ވަރުގަދަ ޖަނަވާރަކީ ސިންގާ ކަމަށާއި، ނަމަވެސް ''ޔާމީން އޮންނަ ގޮޅިއެއްގައި ސިންގާއެއް ވެސް'' ނޯންނާނެކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.
ލަތީފް ވަނީ ޔާމީން މިނިވަންކުރަން ރައީސް މުޢިއްޒާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާއި މެމްބަރުން ބޮޑު ގުރުބާނީއެއްވީކަމަށް ވެސް ވިދާޅުވެފައެވެ.
ލަތީފް ވިދާޅުވީ، ޕީއެންސީގެ މެމްބަރުން ދަނީ މި ސަރުކާރު ދަމަހައްޓައި ނަގަހައްޓަމުން ބުރަ މަސައްކަތެއްކުރަމުންކަމަށާއި، ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް ގުރުބާންވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!