ރަމަޟާން މަސް ކައިރިވެގެން އަންނައިރު އެ މަހަށް ފުރިހަމައަށް ތައްޔާރުވުމަކީ އަހަރެމެންގެ ނައިބިއްޔާ ސއވ ގެ ހަޔާތްޕުޅުންނާއި ސަލަފުއްސޯލިހުންގެ ފުށުން އަހަރެމެންނަށް ފެންނަން އޮތް ހަގީގަތެވެ. ވުމާއިއެކު ކުރިޔާލައި އެމަހަށް ތައްޔާރުވުން މުހިންމުވާ ފަދައިން އެ މަހުގައި އަމަލުތައް ސީދާކުރުމަކީ އިންސާނާއަށް މި ދުނިޔޭގައި ލިބުގެންދާ ރަނުގެ ފުރުސަތަކަށް ނޫނީ ނުވާނެކަން ޔަގީނެވެ.
އަހަރެމެންނާ ދާދިއަވަހަށް މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރާއިރު، އެއީ ކީރިތި ޤުރްއާން ބާވައިލެއްވުނު މަސްކަން ހަނދާނަށް ގެންނާނެ ޖެހެއެވެ. އެ މަހު ހިފާ ރޯދައާއި ކުރާ ހެއު އަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވެއެވެ. އެންމެ ރެއެއްގެ އަޅުކަން އެއް ހާސް މައްސަރަށް ވުރެ، ހެޔޮވެގެންވާ ރެއެއް، އެ މަހުގައި ވެއެވެ. އެއީ ނަރަކައިން ދިންނެވުމުގެ މަހެވެ. ހެއު އަމަލުތަކަށް މަގުފަހިވާ މަހެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މަހެވެ. ޝައިޠާނުން ކަސްތަޅުއެޅުވޭ މަހެވެ. ނުބައިކަންތަކަށް ހުރަސްއެޅޭ މަހެވެ.
ރޯދައިގެ މައިގަނޑު މަގްސަދަކީ ތަގުވާވެރިވުމެވެ. ތަގުވާގެ މާނައިގައި، ހެއު އަމަލުކުރުމާއި، އެންމެހައި ފާފަތަކާ ދުރުހެލިވުން ހިމެނެއެވެ. ރޯދައަކީ ތަގުވާގެ އިތުރަށް، ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ވެސް ލިއްބައިދޭ މެއެވެ. ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމީ، ދުނިޔެވީ އެދުންތަކާއި ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެކެވެ. މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ދުނިޔޭގެ އެދުންތަކާއި ދުރުވެ، ދަހިވެތިކަން ކުޑަވެ، ރޫހާނީ ބާރު އިތުރުވެއެވެ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެންނެވެ. ނުބައި ބަސްތައް ބުނުމާއި، އެ ފަދަ އަމަލުތައް ކުރުން ހުއްޓައިލައިގެންނެވެ. އަރައިރުންވުމާއި، ޒުވާބުކުރުމުން ދުރުހެލިވެގެންނެވެ. ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާ ނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތެވެ.
ޝަރީއަތުގައި ރޯދަ ގެއްލޭ ކަންތައްތަކެއް ވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ، ރޯދަވެރިޔާ އަމިއްލަ އިހްތިޔާރުގައި ކުރާ ކަންކަމެވެ. އެއީ ގަދަކަމުން ހޮޑުލުމާއި، ކެއިންބުއިމާއި، ޖިމާއުވުމާއި، މިއިން ކަމެއްގެ ހުކުމުގައި ހިމެނޭ ކަންކަމެވެ. މުޅި ދުވާލު މަސްތުގެ ހާލަތުގައި ހުރި މީހާގެ ރޯދަ ވެސް ގެއްލޭނެއެވެ. ނަމަވެސް ރޯދައަށް ހުރިކަން ހަނދާންނެތި އެއްޗެއް ކެވުނަސް އަދި ފެންފޮދެއް ބޮވުނަސް އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. އަނެއްބައި ކަންކަމަކީ ރޯދަވެރިޔާގެ އިހްތިޔާރެއް ނެތި ކުރިމަތިވާ ކަންކަމެވެ. އެއީ މުޅި ދުވާލު ހޭނެތިފައި އޮތުމާއި، ހައިޟުވެރިކަމާއި ނިފާސްވެރިކަމެވެ.
ރޯދަމަހަކީ މުސްލިމުންގެ ހުރިހައި އަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓާންޖެހޭ މަހެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމާއި، ނިކަމެތީންނަށް އެހީވުމާއި، ނަމާދުކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ދަމުނަމާދުކުރުމާއި، އިއުތިކާފުކުރުން ފަދަ އަޅުކަންތައް ކުރުމުގައެވެ. ގޭތެރޭގައި ކުރާން ޖެހޭ މަސައްކަތް ވަކި ބަޔަކަށް ނުޖައްސައި، އެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރޯދަމަހު ވަކީން ބޮޑަށް ދަރުމަހުރި ކަމެކެވެ. ހަމަ އެ ފަދައިން ވިޔަފާރިވެރީން އެ މީހުންގެ މުދަލުގެ އަގުތައް ކޮންޓުރޯލުކޮށް، އުހުރަވީ ހަޔާތުން ފައިދާއާއި ނަފާ ލިބިގަންނާން މިއީ ރަނގަޅު ފޯވައްސެކެވެ.
ރޯދަމަހަކީ ހަށިގަނޑަށް ފައިދާ ހުރި، ހަލާލު ތަކެތި ކެއުމަށް ބާރުއަޅާންޖެހޭ މަހެކެވެ. ނަމަވެސް ކެއިންބުއިމުގައި އިސްރާފުކޮށްގެން ނުވާނެއެވެ. އެއީ މާތް ﷲ ނުހަނު ބޮޑަށް ކޯފާވެވޮޑިގެންވާ ކަމެކެވެ.
ރޯދައިގެ މަގުސަދަކީ ދުންޔަވީ އެންމެހައި އެދުންތަކުން ނަފުސު ތާހިރުކޮށް، އުރަވީ ހަޔާތުން ލާބަހޯދުމެވެ. ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ހާސިލް ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ އެންމެ ފައިދާބޮޑު ގޮތެވެ. ވޭތުވެދިޔަ ދުވަސްތަކުގައި، ފަރުވާކުޑަކުރެވުނު ކަންތައްތައް އިސްލާހުކޮށް، ރަމަޟާންމަހުގެ ދުވަސްތަކުގައި، އޭގެ ހިސާބެއް ނެތް ރަހުމަތާއި، މަގުފިރަތާއި، ރުއްސެވުން ހާސިލް ކުރުމަށް އަޒުމު ކަނޑައަޅާމާ ހިނގާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!