ކުޅުދުއްފުށީ ސިޓީގެ މަގުތަކުގެ ގްރީންޒޯން އާއި ޓްރީޕިޓް ތަކުގައި އިންދާފައިވާ ގަސްތަކަށް ގެއްލުން ލިބިދާނެ އެއްވެސް ޢަމަލެއް ނުކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ކުޅުދުއްފުށީ ސިޓީގެ މަގުތަކުގެ ގްރީންޒޯން އާއި ޓްރީޕިޓް ތަކުގައި އިންދާފައިވާ ގަސްތަކަށް ގެއްލުންދެމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިގޮތުން ސިޓީ ކައުންސިލުން ބުނީ، ކުޅުދުއްފުށި ސިޓީއަކީ ފެހި ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ ގޮތުން އެ ކައުންސިލާއި އެކި މުއައްސަސާތައް އަދި އަމިއްލަ ފަރުދުން، މަގުތައް އަދި އާންމު ސަރަހައްދުތަކުގައި ގަސް އިންދުމަށް ހާއްސަ ކުރުފެވިފައިވާ ތަންތަނުގައި ކައުންސިލްގެ ހުއްދައާއެކު ގަސް އިންދަމުން އަންނައިރު، މިގޮތަށް އިންދާ ގަސްތަކަށް ބައެއް ފަރާތްތަކުން ގެއްލުންދޭކަން ފާހަގަ ކުރެވޭ ކަމަށެވެ.
މިކަމުގެ ޝަކުވާ ވެސް ސިޓީ ކައުންސިލަށް ތަކުރާތުކޮށް ހުށަހެޅެމުން އަންނައިރު، މިގޮތުން މަގުތަކުގައި އިންދާފައިވާ ގަސްތައް އެކަށީގެންނުވާ ވަރަށް ކޮށުމާއި އޮފި ބުރިކޮށް ގަސް ހެދި ބޮޑުވުމަށް ހުރަސް އެޅުންވެސް މިފަދަ ޢަމަލުތަކުގެ ތެރޭގައި ހިމޭނޭކަމަށް ސިޓީ ކައުންސިލުން ފާހަގަކޮށްފަވެއެވެ.
''އެހެންކަމުން މަގުތަކުގައި އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި ގަސްއިންދުމަށް ނަގަންޖެހޭ ހުއްދަ ނަގައިގެން އިންދާ ގަސްތަކަށް ގެއްލުންދޭ ފަރާތްތަކުގެ މައްސަލަ ކުރިއަށް އޮތްތަނުގައި ބަލައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.'' ސިޓީ ކައުންސިލުން ބުނެފަވެއެވެ.
މަގުތަކުގައި ހާއްސަ ކުރެވިފައިވާ ތަންތަނުގައި އިންދާފައިވާ ގަހެއް ކޮށަން ބޭނުންވެއްޖެނަމަ އެކަން ކުރުމުގެ ކުރިން ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ކުޅުދުއްފުށި ސިޓީއަކީ ފެހި ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން އިސްނަގައިގެން މުއައްސަސާތަކާއި، ރައްޔިތުންނާއި ގުޅިގެން އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!