މިއަހަރު ނިމިގެންދާއިރު 1 ބިލިއަން ރުފިޔާގެ ލޯނުގެ މަދަދު ނުވަތަ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށް ޓަކައި، އާންމު ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުތައް މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، އަމިއްލަ ގޯތީގައި ޢިމާރާތްކުރުމަށް 5 އިންސައްތަ ފައިދާގައި ޝަރީޢާ ހުއްދަކުރާ ލޯނު ދިނުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

Ad
rt

އެކަމަށް އެދޭ ފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާކަން ފާހަގަކުރައްވައި، މި ސްކީމްގެ ދަށުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ލޯނު ދޫކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

’’މާތްالله ގެ ވާގިފުޅާއެކު މިއަހަރު ނިމިގެންދާއިރު 1 ބިލިއަން ރުފިޔާގެ ލޯނުގެ މަދަދު ނުވަތަ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށް ޓަކައި، އާންމު ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދޭނަން.’’ ރައީސް ވިދާޅުވެފަވެއެވެ.

މި ލޯނު ސްކީމްގެ ދަށުން މާލޭގައި ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް އަދި ބެހެނިވެރިން އެކުވެގެންނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ދެމެހެއްޓިނިވި އާބާދީއާއި ތަރައްޤީގެ ވިސްނުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްރަށުގައި 3 މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ނެގޭނެކަމަށާއި، އަދި އެހެނިހެން ރަށްރަށުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުންނަގާ ލޯނުގެ ބޭނުންކޮށްގެން މުޅިން އަލަށް ގެއެއް އިމާރާތްކުރުމާ، ހަދަންފަށައިފައި ނުނިމިހުރި ގެއެއް ނަމަ، ނިންމުމާއި، ހަދައިފައިހުރި ގެއެއް ނަމަ މަރާމާތު ކުރަން ވެސް ބޭނުންކުރެވިދާނެކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.

’’މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެރައްޔިތެއްގެ ފުރަތަމަ ގެއަށް ޚަރަދުކުރުމަށް ހުޅުވާލެވޭ ވަރަށް ބޮޑު ފުރުޞަތެއް.
ބޯހިޔާވަހިކަމަކީ ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރޭން ވަކިން ޚާއްޞަކޮށް ދިރިއުޅުމުގެ ދަތިތަކާއި ވޭންތަކުގެ ތެރޭން އަޅުގަނޑު އެ މައްސަލައެއް ހައްލުކޮށްދޭން އެންމެ އިސްކަންދޭ މައްސަލަ.’’ ރައީސް ވިދާޅުވެފަވެއެވެ.