ވިލިމާލޭ ފިހާރައަކުން މުދާ ގަތުމަށްފަހު، ފޭކް ފައިސާ ޓްރާންސްފަރ ސްލިޕެއް ބޭނުންކޮށްގެން މުޢާމަލާތެއް ހިންގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން މުދާ ގަތުމަށްފަހު، ޞައްޙަނޫން ފައިސާ ޓްރާންސްފަރ ސްލިޕެއް ބޭނުންކޮށްގެން މުޢާމަލާތެއް ހިންގާފައިވާ މައްސަލައެއް ތަޙުޤީޤުކުރަމުން އަންނަކަމަށެވެ.
ފުލުހުންގެ މަޢުލޫމާތު ދިން ގޮތުގައި މިކަން ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ވަގުތާ ހަމައަށް މައްސަލައިގައި ޝާމިލުވާ ފަރާތް ދެނެގަނެވިފައި ނުވާކަމަށާއި، އެ ފަރާތް ހޯދުމަށް ދަނީ މަސައްކަތްކުރަމުންކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅޭ ވީޑިއޯ ފުޓޭޖެއް ފުލުހުން ވަނީ ޢާންމުކޮށްފައެވެ. އަދި އެ ވީޑިއޯގައި ފެންނަ މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9833000 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރުމަށް ޢާންމުންގެ ކިބައިން ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މައްސަލަތައް ތަޙުޤީޤުކުރުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ މި މައްސަލައިގައިވެސް ރައްޔިތުންގެ އެހީތެރިކަމަށް އެދިފައިވެއެވެ.
ނަކަލު ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރީގެ މުޢާމަލާތް ހިންގުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!