އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓާއި ބްރައިޓަން ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ފޮރެސްޓް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ފޮރެސްޓުން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއިން ބްރައިޓަން ބަލިކޮށްފައެވެ.
މި މޮޅާއިއެކު ފޮރެސްޓް ތިންވަނާގައި އޮތީ 24 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އާސެނަލަށް 23 މެޗުން ލިބިގައި ވަނީ ވެސް 47 ޕޮއިންޓެވެ. އާސެނަލް މާދަމާރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ސިޓީއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްގެން ދެވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.
މި ސީޒަންގައި މޮޅު ކުޅުމެއް ފޮރެސްޓްގެ ފަރާތުން ފެނުނު ނަމަވެސް އެންމެ ފަހުން ލީގުގައި އެ ޓީމް ވަނީ 5-0 ގެ ނަތީޖާއިން ބޯންމައުތު އަތުން ބަލިވެފައެވެ. އެހާތަފާތުބޮޑު ނަތީޖާއަކުން ބަލިވުމަށްފަހު ޖެހިގެން އައި މެޗުގައި އެ ޓީމުން މިވަނީ އާދަޔާހިލާފް ނަތީޖާއެއް ނެރެފައެވެ. މިއީ ލީގުގައި ފާއިތުވި 31 އަހަރުތެރޭ އެ ޓީމުން ހޯދި އެންމެ ބޮޑު މޮޅެވެ.
މެޗު ފެށުނީއްސުރެ ކޮންޓްރޯލް ކޮށްގެން ފޮރެސްޓުން ވަނީ މޮޅަށް ކުޅެފައެވެ. ނޫނޯ އިރުޝާދުގެ ދަށުން ކުޅެމުންދާ ފޮރެސްޓުން މި މެޗުގައި ލީޑު ނަގާފައިވަނީ 12 ވަނަ މިނިޓުގައި މޯގަން ގިބްސް-ވައިޓް އަރިމަތިން ނަގައިދިން ބޯޅައެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބްރައިޓަންގެ ލެވިސް ޑަންކު އަތުން ބައިކޮޅަށް ވަދެފައިވާ ގޯލުންނެވެ.
މެޗުގެ 25 ވަނަ މިނިޓުގައި ފޮރެސްޓަށް ލިބުނު ކޯނަރަކުން މޯގަން ގިބްސް-ވައިޓް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 32 ވަނަ މިނިޓުގައި ކްރިސް ވުޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
ބްރައިޓަން އަށް މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް ވަނީ ކާމިޔާބުވާ ގޮތެއް ނުވެފަ އެވެ. އެގޮތުން ޑެނީ ވެލްބެކް ފޮނުވާލި ބޯޅައެއް ހުރަސް ދަނޑީގައި ޖެހިފައިވާއިރު ޔަންކޫބާ މިންޓޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ފޮރެސްޓުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 19 ވަނަ މިނިޓުގައި ކްރިސް ވުޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި އޭގެ 5 މިނިޓު ފަހުން ފޮރެސްޓަށް ލިބުނު ޕެނަލްޓީ އަކުން ވުޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މިއީ މި ސީޒަނުގައި ކްރިސް ވުޑް ޖެހި 17 ވަނަ ލަނޑެވެ. އަދި މިއީ އެއް ސީޒަނެއްގައި އޭނާއަށް އެންމެ ގިނައިން ލަނޑު ޖެހިފައިވާ ފަހަރުވެސްމެއެވެ.
ފޮރެސްޓުން މި މެޗުގައި ޖެހި ހަވަނަ ލަނޑު މެޗުގެ 89 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނިކޯ ވިލިއަމްސް އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ބްރައިޓަންގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖޮޓާ ސިލްވާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!