ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ކްރެމްލިންގެ ސްޕޯކްސްޕާސަން ދިމިޓްރީ ޕެސްކޮވް ވިދާޅުވެއްޖެއެވެ.

މޮސްކޯގައި ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި، މިފަދަ ބައްދަލުވުމަކަށް ރަޝިޔާއިން އެއްވެސް ޝަރުތެއް ކަނޑައަޅާފައިވޭތޯ އެއްސެވުމުން، ޕެސްކޮވް ވިދާޅުވީ ހަމައެކަނި ދެފަރާތުގެ ޝައުގުވެރިކަން އޮތުން ފުދޭނެ ކަމަށެވެ.

Ad
rt

"މިކަމަށް އެއްވެސް ޝަރުތެއް ބޭނުމެއް ނުވޭ. ބޭނުންވަނީ ހަމައެކަނި ދެފަރާތުން ވެސް ބައްދަލުކުރަން ބޭނުންވުމާއި، ޑައިލޮގްގެ ތެރެއިން މައްސަލަތައް ހައްލުކުރުމުގެ ސިޔާސީ އުންމީދެއް އޮތުން،" ޕެސްކޮވް ވިދާޅުވިއެވެ.

އެމެރިކާގެ އިންތިޚާބީ ރައީސްގެ ފަރާތުން އަދި ރަޝިޔާއާ އެއްބަސްވުމެއް ހައްދަވާފައި ނުވާކަމަށާއި، ނަމަވެސް އިންތިޤާލީ މަރުހަލާ ނިމި، ރައީސްކަމުގެ މަގާމާ ހަވާލުވުމަށްފަހު ގުޅުން ދަމަހައްޓަން އެބަސްވުމެއް ހެދިދާނެކަމަށް ޕެސްކޮވް ވިދާޅުވިއެވެ.

ބައިޑެންގެ އިދާރާއިން ޓްރަމްޕްގެ އިންތިޤާލީ މަރުހަލާއަށް ހުރަސްތަކެއް ކުރިމަތިކުރަމުންދާކަމަށް ޕެސްކޮވް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ގުޅުމަށް އިތުރު ދަތިތަކެއް ކުރިމަތިކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފާނެކަމުގެ ބިރު އޮތްކަމަށްވެސް ވިދާޅުވިއެވެ.

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭގޮތުން ރަޝިޔާގެ މައިގަނޑު ޝަރުތުތަކަކީ ޑޮންބާސްއިން ޔުކްރެއިންގެ ސިފައިން ފޭބުމާއި، ޔުކްރެއިން ނިއުޓްރަލް އަދި ނިއުކްލިއަރ ހަތިޔާރު ނުގެންގުޅޭ ގައުމަކަށްވުމާއި، ނޭޓޯއަށް ނުވަނުމާއި އަދި ހުރިހާ ހުރަސްތަކެއް ނައްތާލުން ކަމަށް ޕެސްކޮވް ވިދާޅުވިއެވެ.