ތިލަދުންމަތީގައި މިހާތަނަށް ބަތް އެންމެ ބޮޑު އެއް ސަފާރީގެ މަސައްކަތް ނިންމައި މޫދަށް ބާލައިފިއެވެ.

ޔުރެކާ އިންވެސްޓްމަންޓްގެ ފަރާތުން މި ސަފާރީ ބަނދެފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫގައެވެ. "އޯޓަސް" ގެ ނަމުން ނަންދީފައިވާ ސަފާރީގެ ދިގުމިނަކީ 130 ފޫޓެވެ. މިއީ މިހާތަނަށް ތިލަދުންމަތީގެ ރަށެއްގައި ބަތް އެންމެ ބޮޑު އެއް ސަފާރީއެވެ.

Ad
rt

މި ސަފާރީއާއި ގުޅޭގޮތުން "ތިލަދުން" އަށް މައުލޫމާތު ދެމުން ސަފާރީގެ އެންމެ އިސްފަރާތް ކަމުގައިވާ ހުސެއިން ހަލީމް ބުނީ މިއީ ފުލް ފައިބަރގްލާސް ސަފާރީއެއް ކަމަށާއި ސަފާރީގައި އެއްވެސް ވަރަކަށް ލަކުޑި ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.

މި ސަފާރީ ބަނުމަށް ތިން އަހަރުގެ މުއްދަތެއް ހޭދަވެފައިވާކަން ފާހަގަ ކުރަމުން އޭނާ ބުނީ ސަފާރީ މޫދަށް މިއަދު ބޭލިގެން ދިޔައިރު، އުޅަނދުވަނީ ގާތްގަނޑަކަށް ހަމައެއްކޮށް ފުރިހަމަ ކުރެވިފައި ކަމަށެވެ.

މި ސަފާރީގައި 17 ގެސްޓް ރޫމް ހިމެނެއެވެ. އޭގެތެރޭގައި ޑަބަލް ރޫމާއި ޓްރިޕަލް ރޫމުވެސް ހިމެނެއެވެ. މައިގަނޑު ކުލައެއްގެ ގޮތުގައި ހުދުކުލަ ބޭނުން ކޮށްފައިވާ މި ސަފާރީ ރަސްމީކޮށް އަންނަ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ނައިވާދޫއިން މި ނޫހާއި ވާހަކަ ދެއްކި އާންމުންގެ މީހަކު ބުނީ ސަފާރީއެއް އެ ރަށުގައި ބަނދެ މޫދަށް ބޭލުގެންދާ ދުވަހަކީ އެ ރަށުގެ ރައްޔިތުންނަށް ވެސް ފަހުރުވެރި ދުވަހެއް ކަމަށެވެ.