ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ނިއުސް އިން ގެނެސްދޭ އިނގިރޭސި ހަބަރުގައި ބޭއަދަބީ މަންޒަރެއް ދެއްކުމުން، އެކަމުގައި އިހުމާލުވީ ދެ މުވައްޒަފުން ސަސްޕެންޑްކޮށް އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މި މަހު 10 ވަނަ ދުވަހުގެ ރޭ 19:00 ގައި އެ ކުންފުނީގެ ޕީއެސްއެމް ނިއުސް އިން ގެނެސްދިން އިނގިރޭސި ހަބަރު ސެގްމެންޓްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ، ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މައާފަށް އެދޭކަމަށެވެ.

Ad
rt

މިކަމަކީ ކުންފުނީގެ ކޮންޓެންޓް ޕޮލިސީއާއި އެޑިޓޯރިއަލް ޕޮލިސީއާއި ހިލާފް ސީރިއަސް މައްސަލައެއް ކަމަށާއި އެހެންކަމުން މިކަމުގައި ޝާމިލްވާ ފަރާތްތަކާއިމެދު ކުންފުނީގެ ފަރާތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މައްސަލާގައި ކަންހިނގާދިޔަގޮތް ބެލުމަށްފަހު، މި މައްސަލާގައި އިހުމާލުވީ ދެ މުވައްޒަފަކު މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އަދި އެ މުވައްޒަފުންގެ މައްސަލަ މިހާރު ވަނީ ކުންފުނީގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވާފައި ކަމަށާއި މައްސަލަބަލާ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި މިހާރު އަމަލުކުރެވެމުންދާ އެސްއޯޕީތައް އިސްލާހުކޮށް މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކުންފުނީގެ އޮޕަރޭޝަނަލް ކަންކަން ތަރުތީބު ކުރަމުންދާ ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކ އަދި އއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އއ.ރަސްދޫގައި ބޭއްވި ޖަލްސާ ފެށުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔެވުވަގުތު، ޕީއެސްއެމް ލައިވްގައި ކަލިމައެއް އުނިވި މައްސަލައެއް ވެސް ވަނީ ފެންމަތުވެފައެވެ. އެކަމާއި ގުޅިގެން ވެސް ޕީއެސްއެމް އިން ވަނީ ނޫސްބަޔާނެއް ނެރެ އެކަމުގައި ޝާމިލްވީ ދެ މުވައްޒަފުން ސަސްޕެންޑް ކޮށްފައިވާކަން ހާމަކޮށްފައެވެ.