ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ހއ. އަތޮޅަށް ރަސްމީ ދަތުރެއް މިއަދު ފައްޓަވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސީޕީގެ މި ދަތުރުގައި އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ވެސް ބައިވެރިވާ ކަމަށެވެ.

Ad
rt

ކޮމިޝަނަރގެ މި ދަތުރުގައި، ހއ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކުގައި، ރަށްރަށުގެ ކުށުގެ ހާލަތު ބައްލަވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ފުލުހުންނާ ގުޅިގެން ކުރެވެންހުރި ކަންކަމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ކުށްމަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަށާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް ވެސް ސީޕީގެ މި ދަތުރުގައި މަޝްވަރާތައް ކުރަށްވާނެއެވެ.

މި ދަތުރުގައި ސީޕީ ވަޑައިގަންނަވަން ހަމަޖެހިފައިވާ ހއ.ގެ ރަށްތަކަކީ ދިއްދޫ، ކެލާ، އުތީމު، ބާރަށް، ފިއްލަދޫ، ތަކަންދޫ، މާރަންދޫ، ހޯރަފުށި، ތުރާކުނު، އުލިގަން އަދި އިހަވަންދޫ އެވެ.

ސީޕީގެ މި ދަތުރު ނިންމަވާލަން ހަމަޖެހިފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.