މާލޭގެ ހެންވޭރު ދޫހިމެރިގޭގައި ހުންނަ ކެފޭއެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގައިގެން އެތަނުގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ވަމުން އަންނަކަމަށެވެ. އަދި ފުލުހުން ވެސް ބުނެފައި ވަނީ އެ ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

އެ ސަރަހައްދުގައި ހުރި ''ތިލަދުން''ގެ ނޫސްވެރިއަކު ބުނިގޮތުގައި އެ ކެފޭގައި ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އަދި ދުންތައް ވަނީ މުޅި ސަރަޙައްދަށް ފެތުރިފައެވެ.

އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އުޅޭ އެމްއެންޑީއެފްގެ ފަޔަރ ރެސްކިއުގެ އޮފިސަރެއް ދިވެހިރާއްޖޭގެ އަޑަށް ދިން އިންޓަވިއުއެއްގައި ބުނީ، ކެފޭގައި ރޯވި އަލިފާން ކެފޭ ހުރި ގޭގައި ރޯވެ، އެ ގޭގެ ތިންވަނަ ފަންގިފިލާ އާއި ހަމައަށް އަލިފާން މިހާރު ފެތުރިފައިވާ ކަމަށެވެ.

''އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އިތުރަށް އަލިފާން ފެތުރަނަ ނުދިނުމަށް، ފޯމް ޖަހަމުން މިދަނީ، މިހާތަނަށް މީހެއްގެ ފުރާނައަށް ގެއްލުން ވެފައިވާކަމުގެ މައުލޫމާތެއް ނުލިބޭ، އިރާދަކުރެއްވިއްޔާ އެހެން ނުވެސްވާނެ'' އެ އޮފިސަރު ބުނެފަވެއެވެ.

މި ހާދިސާއާއި ގުޅިގެން މިހާތަނަށް 50 ބިދޭސީންނާއި، 8 ދިވެހިން ރައްކާތެރިކަން ދިނުމަށް އެހެން ތަނަކަށް ބަދަލުކުރެވިފައިވާކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ދުމުގެ އަސަރުކޮށްގެން ދި ބިދޭސީން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ސަރަހައްދަށް ވަރަށް ގިނަ މީހުން ޖަމާވެފައިވާއިރު، ފެންޖެހުމުގެ މަސައްކަތަށް ހުރަސް ނޭޅޭގޮތަށް އެ ސަރަހައްދުގައި ތިބުމަށް ސަލާމަތީ ބާރުތަކުން ވަނީ އިލްތިމާސްކޮށްފައެވެ.