ސިނާއީ ރަށް، ކ. ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

މިތަނުގައި ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:36 ގައެވެ.

Ad
rt

އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ އެތަނުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ.

''ވޯކްޝޮޕުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާވަރަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނަށް ކޮންޓްރޯލްކުރެވުނީ މިއަދު 09:46 ހާއިރު، އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 11:04 ހާއިރު'' އެމްއެންޑީއެފުން ބުނެފަވެއެވެ.

ތިލަފުށީ މެރިންޑޯ ވޯކްޝޮޕްގައި ރޯވެއަންދަނީ

މިތަނުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންގެ އިތުރުން، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވެސް ތިލަފުއްޓަށް ގޮސް އެކަމުގައި ބައިވެރިވިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފައެވެ.

މި ހާދިސާގައި މެރީންޑޯ ވޯކްޝޮޕާ އިންވެގެންހުރި ގުދަންތަކަށް އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.