ތިލަފުށީގައި ހުންނަ މެރިންޑޯ ވޯކްޝޮޕްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އަލިފާން ރޯވީ މިއަދު ހެނދުނު 8:25 ހާއިރު ކަމަށް އެސަރަހައްދުގައި ހުރި މީހާކު މަޢުލޫމާތު ދީފައިވެއެވެ.

Ad
rt

މުއްލާ ފިހާރަ ކައިރީ ހުންނަ މެރިންޑޯ ވޯކްޝޮޕަކީ ވެލްޑިންގގެ މަސައްކަތް ކުރަމުންދާ ތަނެއް ކަމަށާއި، އެތަނުގައި ޓަޔަރު އަދި ކެމިކަލް ގުދަންކޮށްފައި ހުންނަ ސަރަހައްދެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އަލިފާންގަނޑު އެ ސަރަހައްދުގައި ހުރި އިތުރު ގުދަންތަކަށްވެސް ފެތުރެމުންދާ ކަމަށް ބުނެވެއެވެ.

އެސަހައްދުގައި ހުރި 4 ގުދަަނަކަށް އަލިފާންގަނޑު ފެތުރި ރޯވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެ ސަރަހައްދުގައި ކޮކީ ފިހާރައިގެ ގުދަނާއި އެކޮމަޑޭޝަން ބްލޮކްތައްވެސް ހުރި ކަމަށް މަޢުލޫމާތު ދޭ މީހާ ބުނެފައިވެއެވެ. އަދި އެންމެ ދުން ބޯވި ވަގުތުގައިވެސް މަތިން މީހަކު ފުންމާލި ތަން ފެނުނު ކަމަށް އެ ސަރަހައްދުގައި ލައިވްކޮށްގެން ހުރި މީހަކު މަޢުލޫމާތު ދީފައިވެއެވެ.

އަލިފާނުގެ ސަބަބުން އެ ސަރަހައްދުގައި ކަޅު ދުމުގެ އަސަރު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބުނެވެއެވެ. އެމްއެންޑީއެފްގެ 2 ވެހިކަލްއަކުން އެ ސަރަހައްދުގައި ފެން ޖަހަމުންދާ ކަމަށާއި، ވައިވެސް ފުދޭވަރަކަށް ގަދަ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެކި ފަހަރު މަތިން އެކި ގޮވުންތައް ގޮވާފައިވާ ކަމަށްވެސް ބުނެވެއެވެ.

މީޑިއާތަކާ މަޢުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާން ނިއްވުމަށް ތިލަފުށީ ފަޔާ ސެންޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.