ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގައި މިހާރު ނުހިއްކާ އޮތް ސަރަހައްދުގެ މަސައްކަތް މިމަހު ފަށާނެކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރަނީ 3 އޭރިއާއަކަށް ބަހާލައިގެންނެވެ.
ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން 'ސައިޓް އޭ"ގައި 10 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ. އަދި "ސައިޓް ބީ"ގައި 13 ހެކްޓަރު ބިން ހިއްކާ ވަނީ ނިންމާފައެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މަޑުޖެހިފައިވަނީ ރާއްޖޭގައި ގައު ހުދުވުމުގެ މައްސަލަ އިތުރުވުމުގެ ސަބަބުން ބިން ހިއްކުމުގެ މަޝްރޫޢުތައް މަޑުޖައްސާލުމަށް އީޕީއޭއިން އެންގުމުން ކަމަށެވެ. މަސައްކަތް މަޑުޖައްސާލިއިރު، "ސައިޓް ބީ"އިން 16 ހެކްޓަރާއި "ސައިޓް ސީ"ގައި ހިމެނޭ 24 ހެކްޓަރުގެ ބިން ހިއްކާ ނުނިމެއެވެ. މި މަސައްކަތް މިމަހު ފެށޭނެކަމަށް އެޗްޑީސީން ބުނެއެވެ.
މި މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު، އެ ސަރަހައްދުގައި އަދިވެސް ކަނޑު އުޅަނދުތައް އަޅާފައި އޮތުމުން މަސައްކަތަށް ދަތިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ. މި މަސައްކަތުގެ ތެރެއިން އުޅަނދުތަކަށް ލިބުމަކީވެސް އެކަށީގެންވާ ކަމަކަށްވާތީ އަންނަ އާދިއްތަ ދުވަހުގެ ކުރިން އުޅަނދުތައް ނެގުމަށް، އެޗްޑީސީން ވަނީ އެ އުޅަނދުތަކުގެ ވެރިންނަށް އަންގާފައެވެ.
އާދިއްތަ ދުވަހުގެ ފަހުން އެ ސަރަޙައްދުގައި އެއްވެސް އުޅަނދެއް އެޅުމަކީ މަނާކަމެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީއިންނެވެ. ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!